ޚަބަރު

ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ


މާލެ އަތޮޅު އޮޅުހަލީ، ޖެޓީ މަތިން މޫދަށް ފައިބާ އުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މި މީހާ ފެނިފައިވަނީ އެމް.އެން.ޑީއެފްގެ ޑައިވަރުންގެ ޓީމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެސަރަހައްދުގެ ކަނޑުގެ ހަތް މީޓަރު އަޑިން ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. އޭނާގެ ހަށި ގަނޑު މިހާރުވަނީ މާލެ ގެނެސްފައެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ މާލެ އަތޮޅު އޮޅުހަލީގައި މަސައްކަތްކުރާ މިމީހާ ގެއްލިގެން ރޭ ހޯދަން ފަށާފައިވާއިރު، އޭނާ މޫދަށް ފައިބާފައިވަނީ ފައިވާން މޫދައް ވެއްޓުމުން ފައިވާން ނެގުމަށް ކަމަށާއި މި މީހާއަކީ ފަތަން ދަންނަ މީހެއް ނޫންކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމް.އެން.ޑީ.އެފުން ވަނީ ބުނެފައެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ 20:25 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ގެއްލުނު މީހާ ހޯދުމުގެ މަސައްކަތްކޮށްފައިވަނީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ފާސްޓް އިންޓެސެޕްޓް ކްރާފްޓް "މާފަތް" ލޯންޗުންނެވެ.