ޚަބަރު

އެމެރިކާއިން ނިއުކްލިޔަރ އެއްބަސްވުމުން ވަކިވެއްޖެނަމަ އީރާނުގެ ރައްދުވެސް ވަރުގަދަވާނެ- ރައީސް ރޫޙާނީ


އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިނަމަ އީރާނުގެ ރައްދު ހަރުކަށިވާނެކަމުގެ އިންޒާރު، ރައީސް ހަސަން ރޫޙާނީ ދެއްވައިފިއެވެ.

އީރާނުގެ ޓީވީގައި ވާހަކަދައްކަވަމުން ރޫހާނީ ވިދާޅުވީ، ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް އެމެރިކާއިން އިޙްތިރާމް ނުކުރާނަމަ، ރައްދުގައި އަޅާނެ ގިނަ ފިޔަވަޅުތަކެއް އީރާނުގެ އިޚުތިޔާރުގައި އެބަހުރި ކަމަށާއި މިކަމުގައި އީރާން ފަހަތަށް ޖެހޭނެކަމަށް ޓްރަމްޕަށް ހީފުޅުވާނަމަ، އެއީ ކުށްހީއެއް ކަމަށެވެ.

އީރާނުގެ ޤައުމީ ސަލާމަތާބެހޭ ވެރިޔާ އަލީ ޝަމްޚާނީވެސް ވަނީ، އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެނަމަ ނިއުކްލިޔަރ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއިން އީރާން ވަކިވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

އެ މުއާހަދާއިން އީރާން ވަކިވެއްޖެނަމަ، އީރާނުގެ ނިއުކްލިޔަރ ސައިޓްތަކާއި ލެބޯޓްރީތަކާއި ރިއެކްޓަރުތަކާއި ރީސަރޗް ސެންޓަރުތައް ބަލައި ފާސްކުރުމުގެ ފުރުޞަތު އިންޓަނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީއަށް ގެއްލޭނެއެވެ. އީރާނުން ވަނީ، މިފަދަ ހާލަތެއް މެދުވެރިކޮށްފިނަމަ، ވިހި އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތްވެސް އަލުން ފަށާނެކަމުގެ އިންޒާރުދީފައެވެ.