ޚަބަރު

މޯލްޑިވްސް ޓްރެވެލް އެޖެންޓްސް ގައިޑްގެ ފުރަތަމަ އެޑިޝަން ނެރެފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮފަރޭޓާރސް (މަޓާޓޯ) އިން މޯލަޑިވްސް ޓްރެވެލް އެޖެންޓްސް ގައިޑްގެ ފުރަތަމަ އެޑިޝަން ނެރެފިއެވެ.

މި މަޖައްލާ ނެރެދެއްވީ މިމަހުގެ 22 އިން 25 އަށް ދުބާއީގައި ކުރިއަށްދާ އޭޓީއެމް ފެއަރަގެ ތެރެއިންނެވެ. މަޓާޓޯއިން ބުނީ މި މަޖައްލާގެ އެހީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް އެމީހުންގެ ވިޔަފާރި ބައިނަލްއަޤްވާމީ މާކެޓްތަކުގައި އިސްތިހާރުކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށެވެ.

މޯލްޑިވްސް ޓްރެވެލް އެޖެންޓްސް ގައިޑް ކޮންމެ އަހަރަކު 1 ފަހަރު ނެރޭނެކަމަށް މަޓާޓޯއިން ބުނެއެވެ. އަދި މި މަޖައްލާ އިންޓަނޭޝަނަލް ބޮޑެތި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބަހާނެކަމަށްވެސް އެ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ. މި މަޖައްލާގައި މަޓާޓޯގެ މެންބަރުންނަށް ހިލޭ ލިސްޓްކުރެވޭނެއެވެ.
މަޓާޓޯއިން މިހާރުވެސް އަންނަނީ މޯލްޑިވްސް ފައިންޑާގެ ނަމުގައި އަހަރީ މެގަޒިންއެއް ނެރެމުންނެވެ. މޯލްޑިވްސް ފައިންޑާ 2011ވަނަ އަހަރު ލޯންޗްކޮށްފައިވާއިރު، އެއަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ ބޮޑެތި ފެއަރތަކާއި، އެގްޒިބިޝަންތަކާއި، ރޯޑްޝޯތަކުގެ އިތުރުން ފަތުރުވެރިކަމުގެ ބޮޑެތި އިވެންޓްތަކުގައި މި މެގަޒިންވަނީ ބަހާފައެވެ.