ޚަބަރު

އިންތިޚާބަށް ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުގެ ޓީމުތައް އަތޮޅުތަކަށް


ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަންގެ ޓީމުތައް އަތޮޅުތަކުގައި ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެގޮތުން އިލެކްޝަންގެ ދެޓީމެއް ރާއްޖޭގެ ދެ ހިސާބެއްގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެއީ ލ.އަތޮޅާއި އައްޑޫ ސިޓީގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޓީމުން ލ.މާވަށުގައި ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި ޖުމްލަ 60 މީހުން ވަނީ ބައިވެރިވެފައެވެ.

އެއް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އިންތިޚާބުތަކާ ގުޅިގެން ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރުތަކާއި ޒިންމާތަކުގެ އިތުރުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި، މަންދޫބުންނާއި އޮބްޒާވަރުންނާ ގުޅޭ ތަފާތު މަޢުލޫމާތުތައް ވަނީ ޙިއްސާކޮށްފައެވެ. މީގެ އިތުރުން އިންތިޚާބު ކުރިއަށްދާއިރު، ވޯޓުލާ ސަރަޙައްދާއި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ މީހުން އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސްވަނީ ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު އަމްޖަދު މުސްޠަފާއާއި، އެކޮމިޝަނުގެ ސީނިއާ އެޑިއުކޭޝަން އޮފިސަރ ޝަހުނީޒާ ޝަރީފާއި، އެޑްމިނިސްޓްރޭޓަރ ޝަހުލާ އިސްމާޢީލާއި އަޙްމަދު މުޢާޒެވެ.

ލ.އަތޮޅުގެ ރަށްތަކަށް އިލެކްޝަންސް ކޮމިޝަނުގެ ޓީމުންކުރާ މި ދަތުރުގައި ލ.އިސްދޫ، ގަން، ފޮނަދޫގައި މި ޕްރޮގްރާމު ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމާއި، އިންތިޚާބުގައި ހަރަކާތްތެރިވާ މޮނިޓަރުންނާއި އޮބްޒާވްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.