ޚަބަރު

އީރާނުގެ މައްސަލައިގައި މެކްރޯނާއި ޓްރަމްޕް އެއްގަލަކަށް


އީރާނުގެ ސަބަބުން ސަރަހައްދުގެ އިތުރުން ބައިނަލްއަޤުވާމީ މަސްރަހުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށް އިތުރު މަސައްކަތްތައް ކުރުމަށް އެމެރިކާ އާއި ފަރަންސޭސިވިލާތުގެ ރައީސުން އެއްބަސްވެވަޑައިގަންނަވައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފަރަންސޭސި ރައީސް އެމެނުއަލް މެކްރޯން މިކަމަށް އެއްބަސްވެވަޑައިގެންފައިވަނީ ފަރަންސޭސި ރައީސް އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ދެ ބޭފުޅުންގެ ދެމެދު ކުރިއަށްގެންދިޔަ ރަސްމީ ވާހަކަތަކުގެ ތެރެއިންނެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމެނުއަލް މެކްރޯން އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވައިޓްހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވި ރަސްމީ ވާހަކަތަކުގައި ދެބޭފުޅުންވެސް ވަނީ އީރާނުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމާމެދު މަޝްވަރާކުރައްވައި، އެކަމާ ގުޅުންހުރި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުގައި އެމެރިކާ އާއި ދުނިޔޭގެ ފަސް ބާރާއި އީރާނާ ދެމެދު 2015 ވަނަ އަހަރު ޤާއިމުކުރި އެއްބަސްވުމުގައި އެމެރިކާ ދެމިއޮންނާނެތޯ ނުވަތަ ނޫންތޯ ވިދާޅުވުމަށް ދެކޮޅު ހައްދަވާފައެވެ.

ދެ ޤައުމުގެ ރައީސުން ކުރިއަށްގެންދެވި މަޝްވަރާއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ، ދުނިޔޭގެ ބާރުތަކާއި އީރާނާ މެދު ޤާއިމުކޮށްފައިވާ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ، މިއެއްބަސްވުމުގައި، އީރާނުން އެ ސަރަޙައްދުގެ ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ގޮތުން ހިންގާ ޢަމަލުތަކާއި، އީރާނުގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ހިމަނާފައިނުވާނެކަމަށެވެ. ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމަކީ ބަލިކަށި އަސާސެއްގެ މައްޗަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުން ކާމިޔާބު ނުވާނެކަމަށެވެ.

ޓްރަމްޕާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަރަންސޭސިވިލާތުގެ ރައީސް މެކްރޯން ވިދާޅުވީ، އީރާނުގެ މައްސަލައިގައި ދުނިޔޭގެ ބާރުތަކުގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރާނެފަދަ އެއްބަސްވުމަކާ މެދު ޓްރަމްޕާ އެކު މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އެގޮތުން، 2025 ވަނަ އަހަރާ ހަމައަށް، އިރާނުގައި އެއްވެސް ނިއުކްލިޔަރ ޕްރޮގްރާމެއް ތަންފީޒުކުރިޔަނުދޭނެކަމަށާއި، ޔަމަނު، އިރާޤު، ސޫރިޔާ އަދި ލުބުނާނު ފަދަ ޤައުމުތަކުގައި އީރާނުން ހިންގާ ހަރަކާތެއް ހިންގާނެ ފުރުޞަތު ނުލިބޭނެ ފަދަ ސިޔާސީ ހާލަތެއް އުފައްދަވާނެކަމަށް ހުށަހަޅުއްވާފައިވާނެކަމަށް މެކްރޯން ވިދާޅުވިއެވެ.

މިފަދަ އެއްބަސްވުމެއް ޤާއިމުކޮށްފިނަމަ2015 ވަނަ އަހަރު ޤާއިމުކުރި އެއްބަސްވުމަށް ވާނެ ގޮތަކާމެދު ގިނަ ސުވާލުތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އެއްބަސްވުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން އެމެރިކާ އާއި ވިލާތުގެ ޤައުމުތައް ފިޔަވައި އެހެން ޤައުމަކުން އެފަދަ އެއްބަސްވުމެއްގައި ބައިވެރިވެދާނެކަމާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާ އާއި ވިލާތުގެ ޤައުމުތައް ފިޔަވައި 2015 ވަނަ އަހަރުގެ އެއްބަސްވުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި، ޗައިނާ އާއި ރަޝިޔާ ހިމެނެއެވެ.