ޚަބަރު

އީ.ޔޫ. ކައުންސިލްގެ އިލްތިމާސަށް ތުރުކީވިލާތުން ފާޑުކިޔުން


ތުރުކީ ވިލާތުގެ ޢާއްމު އިންތިޚާބާއި ރިޔާސީ އިންތިޚާބު ޖޫން މަހަށް އަވަސްކުރުމުން، އެ ނިންމުން ބަދަލުކުރުމަށް ވިލާތުގެ އިއްތިހާދުގެ ކައުންސިލުން ގޮވާލާފައިވާ ގޮވާލުން، ތުރުކީވިލާތުން ކުށްވެރިކޮށްފިއެވެ. ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދުޣާން މިމަހުގެ ކުރީކޮޅު ވަނީ، އެ ޤައުމުގައި މޭ މަހު ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު ބާއްވާނެކަން އިޢުލާނުކުރައްވާފައެވެ. މީގެ ކުރިން މި އިންތިޚާބު ތާވާލުކޮށްފައި އޮތީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހަށެވެ.

އުރުދުޣާން އިންތިޚާބު އަވަސްކުރެއްވީ، ތުރުކީވިލާތުގެ އިޤްތިޞާދާއި އެ ޤައުމުގެ ސަލާމަތަށް މިހާރު ހުރި ނުރައްކާތަކުގެ ސަބަބުން ކަމަށް އުރުދުޣާން ވިދާޅުވިއެވެ. އުރުދުޣާން މިކަން އިޢުލާނުކުރެއްވީ، 2016 ވަނަ އަހަރުއްސުރެން އެ ޤައުމުގައި ޢަމަލުކުރަމުންދާ ކުއްލި ހާލަތުގެ މުއްދަތަށް ތިން މަސްދުވަސް އިތުރުކުރުމަށް އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިކަމުގެ ސަބަބުން އެމެރިކާއިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ވިލާތުގެ ކައުންސިލުން ވަނީ އަވަސް އިންތިޚާބުތައް ފަސްކުރުމަށް މި ހަފުތާގައި ގޮވާލާފައެވެ. އަދި މިކަމުގައި ތުރުކީވިލާތުން ވިލާތުގެ އިއްތިހާދުގެ މައިގަނޑު އަސާސްތަކަށް ބޯލަބަންޖެހޭނެ ކަމަށްވެސް އެ ފަރާތުން ބުނިއެވެ.

މިކަން ކުށްވެރިކުރައްވާ ކުރެއްވި ޓްވީޓެއްގައި ތުރުކީވިލާތުގެ ބޮޑު ވަޒީރުގެ ނާއިބު ބާކިރު ބޮޒްޑާގް ވިދާޅުވީ، ދާދި ފަހުން ފަރަންސޭސިވިލާތުގައި ކުއްލި ހާލަތުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބޭއްވިއިރު ވިލާތުން ހަނުހުރެ، ތުރުކީއާ ދެކޮޅަށް މިފަދަ ފާޑުކިޔުންތަކެއް އަމާޒުކުރުމުން ދޭހަވަނީ، ވިލާތުގެ އިއްތިހާދުގެ ދެފުށްދެގޮތްކަން ކަމަށެވެ.