ޚަބަރު

ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި ޒަޙަމްވި އެކަކުގެ ހާލު ސީރިއަސް - އޭ.ޑީ.ކޭ


ރޭ މާލޭ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޙަމްވި 2 ދިވެހިންގެ ތެރެއިން އެކަކުގެ ހާލަތު ސީރިއަސް ކަމަށާއި، އޭނާއަށް އޭ.ޑީ.ކޭ ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާދެމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ 23:23 ހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިން ބޮޑުތަކުރުފާނުމަގުން ދުއްވާފައިދިޔަ 2 ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓުގައި ޒަޙަމްވެފައިވަނީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި، 44 އަހަރުގެ ފިރިހެނެކެވެ. މި 2 މީހުންގެ ތެރެއިން 20 އަހަރުގެ ޒުވާނާއަށް ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެއެވެ. އަދި 44 އަހަރުގެ މީހާއަށް އައި.ސީ.ޔޫގައި މިހާރުވެސް ފަރުވާ ދެމުންދާއިރު، އޭނާގެ ހާލަތު ވަރަށް ސީރިއަސްކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން، ފުވައްމުލައްސިޓީގައިވެސް ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން 24 އަހަރުގެ އަންހެނަކު ވަނީ ޒަޙަމްވެފައެވެ. ރޭ 20:45 ހާއިރު ފުވައްމުލަކު މަންޙަޖުލްހުދާ ސްކޫލް ކައިރިން ދުއްވާފައި ދިޔަ 2 ސައިކަލެއް ޖެހި ހިނގި މި މި އެކްސިޑެންޓުގައި ޒަޙަމްވި އަންހެން މީހާގެ ހާލު ރަގަޅު ނަމަވެސް، ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާ އިތުރު ފަރުވާދިނުމަށްޓަކާ، މާލެއަށް ފުރުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޏ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

މި 2 ޙާދިސާވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.