ޚަބަރު

ސިފައިންގެ ހިދުމަތަށް 126 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާ މިރޭ


ދިވެހި ސިފައިންގެ ހިދުމަތަށް 126 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ. މި ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު ސިފައިންގެ ކަޅުތުއްކަލާ ކޮށީގައެވެ. މި ޖަލްސާ ޓީ.ވީ.އެމްއާއި ޕީއެސްއެމް ނިއުސްއިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޙާއްސަ ޕްރޮގްރާމްގެ ދަށުން، ސިފައިންގެ ޚިދުމަތުގެ އަގުވަޒަން ކުރުމާއި، ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ވަނީ ބާއްވާފައިވެއެވެ. އަދި ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ސިފައިންގެ 21 ވަނަ ފޮޓޯ މަޢުރަޒުވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މިއަހަރުގެ މަޢުރަޒު ބާއްވާފައިވަނީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ އުފަން ރަށް ހއ. މޮޅަދޫގައެވެ.

މީގެ އިތުރުން "ސިފައިންގެ ޢާއިލީ ހަވީރު 2018" މި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4 އިން 6 އަކަށް މާލޭ ރަސްފަންނު ސަރަޙައްދުގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އާއްމުކޮށް ހުޅުވާލާއިގެން ކުރިއަށްގެންދާ މި ހަވީރުގައި އެކި އުމުރުފުރާގެ ކުދިންނަށް ހާއްސަ ކުޅިވަރުތަކާއި، މޫދުގެ ބައެއް ކުޅިވަރުތައްވެސް ކުރިއަށްދާނެއެވެ. އަދި ހަވީރަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށްވެސް ހާއްސަ ހަދިޔާއެއް ލިބިގެންދާނެކަމަށްވެސް އެމް.އެން.ޑީ.އެފުން ބުނެއެވެ.

މި ހަވީރަކީ، ސިފައިންގެ ޢާއިލާތަކުގެ އިތުރުންވެސް، އާއްމުންނަށް އެމީހުންގެ ތުއްތުކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަވީރެކެވެ. ސިފައިންގެ މަސައްކަތްތައް އާއްމުންނަށް ފެންނާނޭހެން ތަފާތު ސްޓޯލްތަކާއެކު ކުރިއަށްގެންދާ މި ހަވީރުގައި، ބަޑިޖެހުމަށް ޙާއްސަ ސްޓޯލެއްވެސް ހުންނާނެއެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ރަސްމީ ސިފައެއްގައި ދޭން ފަށާފައިވަނީ މީގެ ސަތޭކަ ސައްބީސް އަހަރު ކުރިން މީލާދީން 1892 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ. ސިފައިންގެ ފުރަތަމަ ބިންގާ އަޅާފައިވަނީ އޭރު ރާއްޖޭގެ ވެރިކަމުގެ ތަޚުތުގައި އިންނެވި އައްސުލްޠާނު އިބްރާހިމް ނޫރައްދީނު ސިރީބަރިކުސަލޯކަ މަހާރަދުންނެވެ.