ޚަބަރު

32 މަދަނީ ޖަމިއްޔާއާއިއެކު "ހިއުމަން ރައިޓްސް އެންޖީއޯ ފޯރަމް" ފަށައިފި


32 މަދަނީ ޖަމިއްޔާއަކާއިއެކު "ހިއުމަން ރައިޓްސް އެންޖީއޯ ފޯރަމް" ފަށައިފިއެވެ. "ހިއުމަން ރައިޓްސް އެންޖީއޯ ފޯރަމް" އަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްގުތައް ކުރިއެރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގައި މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ ފޯރަމެކެވެ. 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމްގައި މައުލޫމާތު ޙިއްސާކުރާނީ ބޭރުގެ ކޮންސަލްޓެންޓުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ޑިރެކްޓަރ އެޑްވޮކަސީ އައިޝަތު ޝިފާނާ ވިދާޅުވީ މި ފޯރަމްގެ ތެރެއިން އިންސާނީ ޙައްޤުތައް ހޯދުމުގައި ދިމާވާ ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށެވެ. އަދި މި ފޯރަމް ވެގެންދާނީ އެޗްއާރުސީއެމްއިން ރާއްޖޭގެ އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތައް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަމަށެވެ.

"މި ފޯރަމްގައި ވަލްނަރަބަލް ގުރޫޕްސް އަދި މާޖިނަލައިޒް ގުރޫޕްސްއަށް ދިމާވާ ޗެލެންޖަސްއާއި، އިންސާނީ ޙާއްޤުތައް ހޯދުމުގައި ހުރި ދަތިތަކާއި މިކަންތަކާއި މިއަދު ވާހަކަދައްކައި، ހަލަތު ރަނގަޅުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނީ." އައިޝަތު ޝިފާނާ ވިދާޅުވިއެވެ.

އެންޖީއޯ ނެޓްވޯކަކީ 2009 ވަނަ އަހަރުން ފެށިގެން އެޗްއާރުސީއެމުން އެކުލަވާލާފައިވާ ނެޓްވޯކެކެވެ. އަދި މި ނެޓްވޯކަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.