ޚަބަރު

އައްޑޫސިޓީ ޓްރެފިކް އޮޕަރޭޝަނުގައި 25 މީހަކަށް ފިޔަވަޅު އަޅައިފި


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ޕޮލިސް ސްޓޭޝަނުން އައްޑޫސިޓީގައި ހިންގި ޓްރެފިކް އޮޕަރޭޝަނުގައި 156 އުޅަނދު ބަލާފާސްކޮށް، 25 މީހަކަށް ފިޔަވަޅު އަޅައިފިއެވެ.

މި މަހުގެ 12އިން 18އަށް ކުރިއަށްގެންދިޔަ މިއޮޕަރޭޝަނުގައި އައްޑޫސިޓީ ގަމާއި، ހިތަދޫ އަދި ހުޅުމީދޫގެ އެކި ހިސާބުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމުކޮށް، އުޅަނދުތައް ބަލައިފާސްކޮށްފައިވެއެވެ.

ގަން ޕޮލިސް ސްޓޭޝަނުން ގަމުގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަނުގައި 101 އުޅަނދު ބަލައިފާސްކޮށްފައިވާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެފައިވާ 8 ފަރާތަކާއިމެދު ފިޔަވަޅުއަޅައި ނަޞޭޙަތްތެރި ވެފައިވެއެވެ. ހިތަދޫގައި ދުއްވާ 35 އުޅަނދު ބަލައި ފާސްކޮށްފައި ވާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެފައިވާ 7 ފަރާތަކާއިމެދު ފިޔަވަޅުއަޅައި ނަޞޭޙަތްތެރި ވެފައިވާކަށް ފުލުހުން ބުނެއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން ހުޅުމީދޫގައިވެސް މި ޓްރެފިކް އޮޕަރޭޝަންވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަނުގައި، ހުޅުމީދޫގައި ދުއްވާ 20 އުޅަނދު ބަލައިފާސްކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެފައިވާ 10 ފަރާތަކާއިމެދު ފިޔަވަޅުއަޅައި ނަޞޭޙަތްތެރި ވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އައްޑޫސިޓީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް، އައްޑޫސިޓީގައި މިފަދަ ޓްރެފިކް އޮޕަރޭޝަންތައްދަނީ ހިންގަމުންނެވެ.