ޚަބަރު

މި ހަތަރު އަހަރު ތަރައްޤީ ދައްކުވައިދޭ "ރަށްވެހި ތަރައްޤީ" ފޮތް ރައީސް އިފްތިތާހުކޮށްދެއްވައިފި


ފާއިތުވި ހަތަރު އަހަރު ރާއްޖެއަށް އައިސްފައިވާ ތަރައްޤީ ދައްކުވައިދޭ "ރަށްވެހި ތަރައްޤީ" ފޮތް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިފްތިތާހުކޮށްދެއްވައިފިއެވެ. މި ފޮތް އިފްތިތާޙްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

"ރަށްވެހި ތަރައްޤީ" މި ފޮތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ މާރޗްމަހުގެ ނިޔަލަށް އެމަނިކުފާނުގެ އިޤުތިސާދީ ތަރައްޤީއާއި އުމްރާނީ ތަރައްޤީގެ އެހާރާއި މިހާރު އަދި ކުރިމަގުގެ މަޝްރޫޢުތަކުގެ އުސްއަލިތައް ހިމަނައިގެން އެކުލަވާލާފައިވާ ފޮތެކެވެ. 400 ޞަފްހާގެ މައްޗަށް އެކުލެވޭ މިފޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ 21 މަޝްރޫޢެއްގެ ތަފުސީލު ވަނީ ހިމަނާފައެވެ.
މިފޮތުގައި ހިމަނާފައިވާ ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ހުޅުމާލޭ ޔޫތު ސިޓީއާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫޢުގެ ތަފުސީލު ވަނީ ހިމަނާފައެވެ. މީގެ އިތުރުން ސްޕޯޓްސް އެރީނާތަކާއި ފަތުރުވެރިކަމުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކާއި ސިއްހީ ދާއިރާގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައްވެސް ވަނީ ހިމަނާފައިވެއެވެ.
މި ފޮތް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، މިފޮތަކީ ދިރާސާކުރާ ފަރާތްތަކަށާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދެކެފައިވާ ބަދަލުތަކާގުޅޭ ވަރަށް ތަފުސީލީ މަޢުލޫމާތުތަކެއް ލިބިގެންދާނެ ފޮތެއްކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ވެރިކަމަކީ ތަސައްވުރަކާ އެކީ އަންނަޖެހޭ މަޤާމެއްކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މާލެއަކީ ކުރިން ދިރުމެއް ނެތް އެތައް މައްސަލަތަކެއް ކުރިމަތިވަމުން އައިތަނެއްކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފާއިތުވި މުއްދަތުގެ ތެރޭގައި ހަޤީޤީ ސިޓީއެއްގެ ކުލަވަރު ގެނައުމަށް ގިނަ މަޝްރޫޢުތަކެއް މާލޭގައި ކުރިޔަށް ގެންދަވާފައިވާކަން ފާހަގަކުރެއްވިއެވެ. މާލެއަކީ ބަދަލުތަކެއް އަންނަޖެހޭ ތަނެއްކަމަށާއި، ޓްރެފިކްގެ މައްސަލައާއި ބޯހިޔާވަހިޔާވަހިކަމުގެ މައްސަލަތަކަށް ގެންނަމުންދާ ހައްލުތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ތަރައްޤީ މާލެއަށް އަންނަ ފަދައިން އަތޮޅުތަކަށްވެސް ގެންނަންޖެހޭނެކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ރައްޔިތުންނަށް މި ސަރުކާރުން ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓުމެންެތި ހިންގަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފޮތް އެކުލަވާލުމަށް މަޢުލޫމާތު ހިމަނާފައިވަނީ، ދައުލަތުގެ ވުޒާރާތަކާއި، ކުންފުނިތަކާއި، ކަމާބެހޭ އިދާރާތަކުންނާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށްރަށުގެ ކައުންސިލް ތަކުންނެވެ. މި ފޮތް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ސްކޫލްތަކުގެ އެންމެ އިސް ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.