ޚަބަރު

"ސިފްކޯ" އާއި "ސިވެކް" އެއްކޮށްލައިގެން އާކުންފުންޏެއް ހަދަނީ


ސިފައިންގެ ވެލްފެއަރގެ ކަންކަން ކުރިއެރުވުމަށް ހަދާފައިވާ "ސިފްކޯ" އާއި "ސިވެކް" އެއްކޮށްލައިގެން މުޅިން އައު ސިފައިންގެ އެކުވެރި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ސިފައިންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ސިފައިންގެ ވެލްފެއަރގެ ކަންކަމާއި ސިފައިންގެ ތަރައްޤީއަށް ކުރާ ކަންކަމަށް ލޯނު ހޯދަން ބަލާއިރު، ސިފްކޯ އަކީ ކުންފުންޏަކަށް ނުވުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާކަމަށެވެ. ސިފްކޯ ހިޔާ ފްލެޓް މަޝްރޫޢު ފަދަ މަޝްރޫޢުތަށް އެންމެ ބޭނުންވާ ތާރީޚަށް ނުނިމި ލަސްވަމުންދާން ދިމާވާ އެއްމައްސަލައަކީ މިއީ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"
"ސިފްކޯއާ ސިވެކް އެއްކޮށްލުމަށް އަޅުގަނޑުވާނީ ލަފާދޭ މަޖިލީހަށް ހުށައަޅާފައި. މިކަމާއި ބެހޭ ގޮތުން އެކޮނަމިކް މިނިސްޓްރީއާވެސް ވާހަކަދެކެވި، އަދި މިއީ އެންމެ ރަނގަޅު މޮޑެލްއެއްކަމުގައި ވެދާނެކަމަށް ބެލެވޭކަމަށް އިރުޝާދު ލިބި، މިހާރު އެމަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. މިގޮތަށް އެއްކުންފުންޏެއް ހެދުނީމަ ލޯންތަށް ހޯދުމަށާއި، ސިފައިންގެ ވެލްފެއަރ އަށް އެކި ގޮތްގޮތުން ފަސޭހަވެގެންދާނެ"
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ / އާދަމް ޝަރީފް އުމަރު

ސިފައިންގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ "ސިފްކޯ ހިޔާ ފްލެޓް" މަޝްރޫޢު ނުނިމި ގިނަދުވަސް ވަމުން އަންނަނީ އެމަޝްރޫޢަށް ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުންކަމަށާއި، މިހާތަނަށްވެސް އެމަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާޔަތްތަކާއެކުކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއާއެކު ޢަމާޒަކީ ސިފްކޯ ހިޔާ ފްލެޓްތަކުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ގޮތްތަކެއް ހޯދުންކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

"
" އަޅުގަނޑުމެން ބޭނުންވި ސްޕީޑްގައެއް ނޫން ސިފްކޯހިޔާ މަޝްރޫއު ކުރިއަށް އެދަނީ. ދިމާވާ އެންމެ ބޮޑު މައްސަލައަކީ މަޝްރޫޢަށް ފައިސާ ލިބޭނެ ގޮތްތަކެއްގެ ގޮންޖެހުންތަކެއް ހުރުން. ނަމަވެސް އެމަސައްކަތް އެކި ގޮތްގޮތުން ފައިސާ ހޯދައިގެން ނިންމެވާނެކަން ސަރުކާރުން ޔަގީންކޮށްދޭ. މިހާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ފްލެޓްތަކުގެ މަސައްކަތް ނިންމާލުން. މިހާތަނަށް އެމަޝްރޫޢަށް ސަރުކާރުގެ ފަރާތުން 329 މިލިޔަން ރުފިޔާ ލޯނުގެ އެހީގެ ގޮތުގައި ވަނީ ޚަރަދުކުރެވިފައި."
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ / އާދަމް ޝަރީފް އުމަރު

ސިފައިންގެ ވެލްފެއަރގެ ކަންކަމާއި، ސިފައިންގެ ކުރިއެރުވުމަށް މިދިޔަ އަހަރު 12.8 މިލިޔަން ރުފިޔާގެ ތަކެތި ނުވަތަ ބޭނުންވާނެ ކަންކަން ފުރިހަމަކުރުމުގެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސެވުމާއި، އިންސާނީ ވަޞީލަތްތައް ބިނާކުރުމަށް ކުރެއްވި މަސައްކަތުން 709 ފަރާތަކަށް އެކިއެކި ތަމްރީނުތައް ދީފައިވެއެވެ. އަދި 320 ފަރާތެއް ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުންވަނީ ތަމްރީނު ކުރުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ. އަދި އުޞޫލްތަކާއި އެއްގޮތަށް 841 ފަރާތަކަށް މިދިޔަ އަހަރު ޝަރަފުގެ ނިޝާނާއި ކުލަ ވަނީ ހަވާލުކޮށްފައެވެ. 534 ފަރާތަކަށް ވަނީ ޕްރޮމޯޝަން ދެއްވާފައިވެއެވެ.