ޚަބަރު

ބަޣާވާތް ނާކާމިޔާބުކޮށްލުމުން ސިފައިންނަށް ކުރާ ޤަދަރު އިތުރުވެއްޖެ - ޑިފެންސް މިނިސްޓަރ


ޤައުމަށް ބަޣާވާތެއް ގެންނަށް ބަޔަކު ކުރި މަސައްކަތް ނާކާމިޔާބުކޮށްލުމުގައި، ދިވެހި ސިފައިން ދައްކައިދިން ނަމޫނާ ރީތި މިސާލުގެ ސަބަބުން އަނެއްކާވެސް ދިވެހިންގެ ހިތްތަކުގައި ސިފައިންނަށް ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ޚިދުމަތުގެ އަގުވަޒަންކުރުމާއި ކާމިޔާބީ ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި، ސިޔާދަތު ދިވެހިންގެ އަތުން ބީވެ އެހެން ބައެއްގެ އަށްދަށަށް ޤައުމުގެ ބާރާއި ނުފޫޒު ދަނިކޮށް ޤައުމު ސަލާމަތްވެފައިވަނީ، ސިފައިންގެ އެންމެ މަތީ ވެރިޔާ ދެއްވި ނަސޭހަތާ އެއްގޮތަށް، ހިތްވަރާއެކު އެކަތިގަނޑަކަށް ވެގެން ސިފައިން ކުރި އަގުހުރި މިންނެތް މަސައްކަތުގެ ސަބަބުން ކަމަށެވެ. އެދުވަހު ސިފައިން ސާބިތުކަން ނުދެއްކި ނަމަ އެކަމާހިތާމަކުރަން ޖެހުނީސްކަން މިނިސްޓަރ ވަނީ ފާހަޤަކުރައްވާފައެވެ.

"
"ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު މިވޭތުވެދިޔަ އަހަރުގެ ތެރޭގައި. ޚާއްސަކޮށް މިޤައުމަށް ދިމާވި ތަފާތު އެކި ގޮންޖެހުންތަކުގައި ތިބޭފުޅުން ދެއްކެވި ހިތްވަރާއި، ސާބިތުކަމާއި، އަދި ޤައުމަށްޓަކައި ތިޔަބޭފުޅުންގެ މޭ އައްޑަނައަކަށް ދިއްކޮށްލައްވައިގެން ތިޔަ ކުރެއްވި މިންނެތް ބުރަ މަސައްކަތްޕުޅުން. ޝަކެތްނެތް ގޮތުގައި ސިފައިންކުރެއްވި ބުރަ މަސައްކަތްޕުޅުގެ ތެރެއިން އެކިފަހަރު ތަފާތު ތަޖުރިބާތަކެއް ކުރެވުނު ކަމުގައި ވިޔަސް، އަދި އެކު ނަން ކަމުގައި ތިޔަ ބޭފުޅުންނަށް މުޚާތަބުކުރެވުނަސް، ތިޔަ އަދާކޮށްދެއްވީ ޤައުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޤައުމު އެކަމަށްޓަކައި ފަޚުރުވެރިވާ، އަދި ޤައުމު އެކަމައްޓަކައި ތިޔަ ބޭފުޅުންނަށް ދަރާފައިވާ އަގުހުރި ޚިދުމަތެއް".
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ / އާދަމް ޝަރީފް އުމަރު

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެ އޮންނަ ޞަރަޙައްދުގެ ސަބަބުން ދުނިޔޭގެ އެހެން ހުރިހާ ޤައުމަކުންވެސް ދިވެހި ޤައުމާމެދު ހުށިޔާރުވެ، ދިވެހިންގެ މައްޗަށް ނުފޫޒުފޯރުވަން އެކި ގޮތްގޮތުން މަސައްކަތްކުރަން އުޅޭކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތީވެސް ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސިފައިންގެ ހުވަޔާއި އެއްގޮތަށް ސާބިތުކަން މަތީ ދެމިތިބުމަށް އެންމެހާ ސިފައިންނަށް މިނިސްޓަރ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"
"ދިވެހި ސިފައިންނަށް މިޤައުމުގައި ލިބިފައިވަނީ އަބަދުވެސް މަތިވެރި މަޤާމަކާއި ދަރަޖައެއް. ރައީސް ޔާމީންގެ ސިޔާސަތަކީ ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ބަދަހި ލަޝްކަރެއްގެ ގޮތުގައި ތިއްބެވުން. ސަރުކާރުން އެއްގޮތަކަށްވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ތިބޭފުޅުން ވަންނަވާކަށް ނުވަތަ ސިޔާސީ އަމުރުކޮށް ނުވަތަ ޣައިރު ޤާނޫނީ އަމުރުކޮށް އެހެދުމަކަށް ބޭނުމެއް ނުވާނެ. އަޅުގަނޑުމެން ބޭނުންވެނީ ސިފައިން ތިތިއްބެވި ސާބިތުކަންމަތީގައި ހަރުދަނާކަމާއެކު ދެމިތިބުމަށް."
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ / އާދަމް ޝަރީފް އުމަރު

މީގެއިތުރުންވެސް ނިމިގެންދިޔަ އަހަރު އެމް.އެން.ޑީ.އެފުން ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި، އަދި ކުރިއަށްއޮތް އަހަރަށް ރޭވިފައިވާ ބައެއް ކަންކަމާ ބެހޭގޮތުން މިނިސްޓަރ ވަނީ ވާހަކަފުޅުދައްކަވާފައެވެ.
މިޖަލްސާގައި މިއުޒިކް އެންޑް އާރޓްސްގެ ދާއިރާއާއި އަސްކަރީ ތާރީޚާއި އާދަކާދަޔާއި ޘަޤާފަތް ކުރިއެރުވުމުން އަދި ސިފައިންގެއަށް ރީތި ނަން ހޯދައިދެއްވި ފަރާތްތަކަށާއި ސިފައިންނާއި ޢާންމު ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކުރުމާއި ސިފައިންގެއަށް ރީތިނަން ހޯދައިދިން ސަބް ޔުނިޓްތަކަށާއި އަދި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ސަބް ޔުނިޓްތަކަށް ވަނީ ކޮމަޑޭޝަން ލެޓަރ ހަވާލުކޮށްފައެވެ. އަދި ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ޢާންމު ފަރާތްތަކަށް ދެވޭ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ލިޔުންވެސް ވަނީ އެފަރާތްތަކާއި ހަވާލުކޮށްފައެވެ.
ވޭތުވެދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ސިފައިންގެ ތެރެއިން އިންޑިވިޖުއަލް މެރިޓޯރިއަސް އެވޯޑް ލިބުނު ފަރާތްތަކަށް މި ޖަލްސާގައި ވަނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. 126 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ޚިދުމަތުގެ އަގުވަޒަންކުރުމާއި ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާ ނިމިގެންދިޔައީ ސިފައިންގެ ލަވަ ކިއުމަށްފަހު ދުވަހާއި ގުޅޭ ޚާއްސަ ދުޢާއަކުންނެވެ.