ޚަބަރު

މަސީގެ 16 ވަނަ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ 16 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.
މި ޖަލްސާ ބާއްވާފައިވަނީ ޗަންޕާ ސެންޓްރަލް ހޮޓެލްގައެވެ. މި ޖަލްސާގައި 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓްވަނީ ނެރެފައެވެ. މި ރިޕޯރޓް ނެރެދެއްވީ މަސީގެ ރައީސް އަބްދުﷲ މުޙައްމަދުއެވެ.

މަސީގެ އަހަރީ އާންމު ޖަލްސާގައި 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2018 ވަނަ އަހަރުގެ ބަޖެޓް ވަނީ ހުށައަޅާފައެވެ. 2018 ވަނަ އަހަރަށް އެ ކުންފުނިން 1،291،166 (އެއްމިލިއަން ދެލައްކަ ނުވަދިހަ އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ހަރުފިޔާ) ވަނީ ހުށައަޅާފައެވެ. 2017 ވަނަ އަހަރު އެ ކުންފުނިން ހުށައަޅާފައިވަނީ އެއްމިލިއަން ފަސްދޮޅަސް ތިންހާސް އެއްސަތޭކަ ފަންސާސް ހަތްރުފިޔާގެ ބަޖެޓެކެވެ.

މި ޖަލްސާގައި މަސީގެ ޤަވައިދަށް ހުށައަޅާފައިވާ އިސްލާހްތަކަށްވެސް ވަނީ ވޯޓަށް އަހާފައެވެ. ގިނަ އިސްލާހްތައް ހުށައަޅާފައިވާއިރު އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ މަސީގެ ނަމުގެ ތެރެއަށް ނޭޝަނަލް އިތުރުކޮށް "މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ" އަށް ބަދަލުކުރުމުމެވެ. ޖަލްސާގައި ބައިވެރިވި ގިނަ މެންބަރުންގެ އަޢުލަބިއްޔަތުން މިގޮތަށް ފާސްކުރުމަށް ވަނީ ވޯޓުލިބިފައެވެ. ނަމަވެސް މި ނަން ފާސްވާނީ ހޯމް މިނިސްޓްރީއަށް ހުށައަޅާ ހުއްދަ ހޯދައިގެންނެވެ. މަސީއިން ބުނީ އެ ކުންފުނީގެ ނަމަށް ނޭޝަނަލް އިތުރުކުރިނަމަވެސް ކުރުކޮށް ކިޔާނީ މަސީކަމަށެވެ.

މަސީގެ 2018 ވަނަ އަހަރުގެ ބޯޑު މެންބަރުންވެސް މި ޖަލްސާގައި ވަނީ ހޮވާފައެވެ. އެގޮތުން ރައީސަކަށް ހޮވިފައިވަނީ މިހާރުގެވެސް ރައީސް އަބްދުއްﷲ މުޙައްމަދެވެ. ނާއިބު ރައީސަކަށް ހޮވިފައިވަނީ އަދުނާން ޙަލީމާއި، އަލާއު އަލީއެވެ. ޚަޒާންދާރަކަށް ހަސަން ހަބީބް ހޮވިފައިވާއިރު ޚަޒާންދާރުގެ އެހީތެރިއަކަށް ހޮވިފައިވަނީ އަމީން މުޙައްމަދެވެ. މީގެއިތުރުން 8 އެކްސްކޯ މެންބަރުންނަށް ހޮވާފައިވާއިރު އޭގެތެރޭގައި ހިމެނެނީ މުޙައްމަދު އަލީ ޖަނާހް، އަބްދުއްﷲ ޞާލިހް، އިބްރާހީމް ޝިއުރީ، މުޙައްމަދު ޝާކިރެވެ. މީގެ އިތުރުން ދެން ހޮވިފައިވަނީ އިބްރާހީމް މުއްޠަލިބް، ސަޢުދުއްﷲ ޙިލްމީ، މުޙައްމަދު ސަޢީދު އަދި ކިލްވާޒް ޖައުފަރެވެ.
މަސީގެ 16 ވަނަ އަހަރީ ޢާންމު ޖަލްސާގައި ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ކުންފުނިތަކުން ވަނީ ބައިވެރިވެފައި މަސީއަކީ 2001 ވަނަ އަހަރުގެ ތެރޭގައި އުފެދިފައިވާ ކުންފުންޏެކެވެ.