ޚަބަރު

ބައިނަލްއަޤުވާމީ މަސްރަޙުގައި ރަޝިޔާއިން ޢަމަލުތައް ބަހައްޓާ ގޮތް ޖީ-7 ގެ ޚާރިޖީ ވަޒީރުން ކުށްވެރިކުރުން


ރަޝިޔާގެ ފަރާތުން ސަރަހައްދުގެ އިތުރުން ދުނިޔޭގެ މަސްރަހުގައިވެސް ހަމަނުޖެހުންތައް އުފެއްދުމަށް މެދުވެރިވާ ފަދަ ޢަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، ދުނިޔޭގެ ސިނާޢީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ޤައުމު ކަމަށްވާ ޖީ-7ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން، ރަޝިޔާގެ ޢަމަލުތައް ކުށްވެރިކުރައްވައިފިއެވެ. ޖީ-7ގެ ޤައުމުތަކުން މިކަންކަން ކުށްވެރިކޮށްފައިވަނީ، ކެނެޑާގެ ޓޮރެންޓޯގައި ބޭއްވި އެ އިއްތިހާދުގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުން ނިންމާލުމަށްފަހު ނެރުއްވި ބަޔާނުގައެވެ.

ދެ ދުވަހުގެ ބައްދަލުކުރެއްވުމަށްފަހު ޖީ-ސެވަންގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، ބައިނަލްއަޤުވާމީ މަސްރަހުގައި ރަޝިޔާއިން ޢަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ޤައުމުތަކުން އެކުގައި މަސައްކަތްކޮށްގެން ނަތީޖާ ހޯދުމުގެ ސިޔާސަތަށް ބުރޫއަރަމުންދާކަމަށެވެ. އަދި ރަޝިޔާއިން ހިންގާ އެ ފަދަ ޢަމަލުތައް ހުއްޓާލުމަށް ޖީ-ސެވަންގެ ޤައުމުތަކުން ގޮވާލާކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އެ ޤައުމުތަކުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި މައްސަލައިގެ އިތުރުން މި އަހަރުގެ މާރިޗު މަހު އިނގިރޭސިވިލާތުގައި ރަޝިޔާގެ ކުރީގެ ޖާސޫސީ އޭޖެންޓަކަށް އަމާޒުކޮށް ދިން ހަމަލާގައި ރަޝިޔާގެ އަތެއްވާކަމަށް ބުނާ ތުހުމަތުތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުން ނިންމާލުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކެނެޑާގެ ޚާރިޖީ ވަޒީރު ކްރިސްޝާ ފްރީލަންޑް ވިދާޅުވީ، ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމެއްގެ ތެރެއިން ވެރިކަންކުރާ ޤައުމެއްގެ މިނިވަން އިންތިޚާބުތަކަށް ރަޝިޔާއިން ނުފޫޒު ފޯރުވުމަކީ ޖީ-ސެވަންގެ ޤައުމުތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ.