ޚަބަރު

މި އަހަރު ސްޕޯޓްސް ސްކޮލަޝިޕް 8 ދަރިވަރަކަށް


މި އަހަރު ސްޕޯޓްސް ސްކޮލަޝިޕް ލިބޭ 8 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.
މި ލިޔުން ހަވާލުކޮށްދެއްވި މިދިޔަ އަހަރުގެ މައިލޯ ކަލާރސް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމެވެ.

މިއަހަރު ސްޕޯޓްސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަކީ ލ.މާވަށު ސްކޫލްއިން ޝަމާއިލް ޙުސެއިންނާއި ބ.ގޮއެދޫ ސްކޫލުން އާމިނަތު އަފާފް ނިޒާމްއާއި އަޙްމަދު ޝައްފާހުއާއި ކ.މާފުށި ސްކޫލުން އިބްރާހިމް އައްޝަމްއެވެ. މީގެ އިތުރުން މ.އަތޮޅު އެޑިއުކޭޝަން ސެންޓަރުން މާޝާ ރަޝީދުއާއި މިޤްދާދު މުޙައްމަދަށް ލިބިފައިވާއިރު ގދ.އަތޮޅު އެޑިއުކޭޝަން ސެންޓަރުން އިބާދުﷲ އާދަމްއާއި ސ.ހިތަދޫ ސްކޫލްއިން އަބްދުﷲ ނާވީ އަޙްމަދަށް ވަނީ ސްޕޯރޓްސް ސްކޮލަރޝިޕް ލިބިފައެވެ މި ކުދިންނަށް ސްކޮލަރޝިޕް ލިބިފައިވަނީ ވޮލީ ބޯޅައާއި އެތްލެޓިކްސްއާއި ބެޑްމިންޓަންގެ އިތުރުން ސްވިމިންއިންނެވެ.

ކަލާސް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވަނީ މި ސްކޮލަރޝިޕްތައް ލިބޭ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން ރަށްރަށުގެ ސްކޫލްތަކުން މާލެ ގެނެސް ފެންވަރު ރަނގަޅު ކޯޗުންގެ އިރުޝާދާއެކު ތަމްރީނު ލިބެމުންދާ 29 ދަރިވަރުން ތިބިކަމަށާއި މީގެ ތެރެއިން 6 ދަރިވަރުން ތަމްރީނުވަމުން ދަނީ ރާއްޖެއިން ބޭރުގެ ޤައުމުތަކުގައިކަމަށެވެ. އަދި މިކުދިންނަށްވެސް އުނގެނުމުގެ ހުރިހާ ޚަރަދެއް ސަރުކާރުންކުރާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން ރަށްރަށުގެ ސްކޫލްތަކުން މާލެ ގެނެސް ފެންވަރު ރަނގަޅު ކޯޗުންގެ އިރުޝާދާއެކު ތަމްރީނު ލިބެމުންދާ 29 ދަރިވަރުން އެބަތިބި. މީގެ ތެރެއިން 6 ދަރިވަރުން ތަމްރީނުވަމުން ދަނީ ރާއްޖެއިން ބޭރުގެ ތަފާތު ޤައުމުތަކުގައި. އެގޮތުން ރާއްޖެއިން ބޭރުން ތަމްރީނުވުމުގެ ފުރުޞަތު ލިބޭ ދަރިވަރުންނަށްވެސް މާލެއަށް ބަދަލުކުރެވޭ ދަރިވަރުންނެކޭ އެއްފަދައިން މި ސްކޮލަރޝިޕްގެ ދަށުން އުނގެނުމުގެ ހުރިހާ ޚަރަދެއް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދެމުން ގެންދާ ކަން ފާހަގަކޮށްލަން"ޑރ.އާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ސްޕޯޓްސް ސްކޮލަރޝިޕަކީ އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެކިއެކި ކުޅިވަރުތަކުން ފާހަގަ ކޮށްލެވޭ އާދަޔާ ޚިލާފު މޮޅު ހުނަރެއް ހުރި ދަރިވަރުންނަށް އެ ހުނަރެއް ހުރި ކުޅިވަރަކުން ފެންވަރު ރަނގަޅު ތަމްރީނު ދިނުމާއި ތަޢުލީމީ މަރުޙަލާ ފުރިހަމަ ކުރެވޭ ގޮތަށްދޭ ސްކޮލަރަޝިޕެކެވެ.