ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދިޔަ ޑްރަގް ނެޓްވޯކެއް ފުލުހުން އަތުލައިގެންފި


މާލެއާއި ރ. އިނގުރާއިދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންއައި ޑްރަގް ނެޓްވޯކެއް ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގައި ވަނީ މި ނެޓްވޯކްގައި ހިމެނޭ އިނގުރައިދޫއަށް ނިސްބަތްވާ 7 މީހުންނާއި، އެމީހުން ގެންގުޅެމުންދިޔަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތިވެސް އަތުލައިގެންފައެވެ.

މިކަން ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އެކްޓިންގ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖްނީ ޝުޢައިބް ބުނީ މިމަހުގެ 16 ވަނަ ދުވަހު ނޯތް ޕޮލިސް ޑިވިޝަނާއި ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ވިއްކުމުގައި ހަރަކާތްތެރިވިކަމަށް ތުހުމަތު ކުރެވުނު 6 ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް، މަސްތުވާތަކެތި ކަމަށްބެލެވޭ 612 ގްރާމުގެ ތަކެތި އަތުލައިގަނެވިފައިވާކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ޑްރަގް ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ރ. އިނގުރައިދޫ ފަސީމާގޭ އުމުރުން 27 އަހަރުގެ އަޙްމަދު އާލިމް ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ބުނެއެވެ.

އާލިމްގެ އިތުރުން މި މައްސަލާގައި މާލެއިން ހައްޔަރުކޮށްފައިވަނީ، އިނގުރައިދޫއަށް ނިސްބަތްވާ މުޙައްމަދު އިރުފާންއާ، އަހްމަދު ޝަފީޤް، ޢަލީ ފާތިޙް، މުޙައްމަދު އިސްބާހެވެ. އިނގުރައިދޫން ހައްޔަރުކޮށްފައިވަނީ، އުމުރުން 26 އަހަރުގެ އައިޝަތު އިލްހާމާ އާއި، އުމުރުން 24 އަހަރުގެ މުޙައްމަދު ޖަޒްލާންއެވެ.

މިމައްސަލާގައި ބަލާއިފާސްކުރެވުނު ހ. އޮއިސްޓަރ ގެއިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރި ގިނަ އަދަދެއްގެ އާލާތްތައް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖްނީ ޝުޢައިބް ވިދާޅުވީ، މާލެއިން ގެތައް ކުއްޔަށް ދިނުމާއި ގޭގޭގައި ކުދިން ބައިތިއްބާއިރު މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ސަމާލުވުން މުހިންމުކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވާއިރު، މިކަން އިތުރަށް ތަޙްޤީގުކުރުމުން އަންނަކަމަށާއި، އަވަސް މުއްދަތެއްގެ ތެރޭގައި މިމައްސަލައިގެ ތަޙްޤީގު ނިންމައި ޕީ.ޖީ އޮފީހަށް ފޮނުވާނެކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިމަހުގެ 20 ވަނަ ދުވަހު މަޖީދިއްޔާ ސްކޫލްކައިރީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 4 މީހަކު ހައްޔަރުކޮށްފައިވާކަންވެސް ހާމަކޮށްފައެވެ. މިމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 540 ގްރާމް ހުރި ކަމަށާ މިމައްސަލަވެސް ތަހްގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.