ޚަބަރު

އޭޓީއެމް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


އެރަބިއަން ޓްރެވަލް މާކެޓް އޭޓީއެމްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ދުބާއީގައި ކުރިޔަށްދާ މިފެއަރގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. މިނިސްޓަރުގެ އިތުރުން ވަފުދުގައި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އެކްޓިންގް މެނޭޖިން ޑިރެކްޓަރ ހާރިސް މުޙައްމަދުގެ އިތުރުން ރާއްޖެއިން ޔޫއޭއީއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ޙުސެން ނިޔާޒުވެސް ހިމެނިވަޑައިގަންނަވާ.

އިއްޔެއިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދާ މިފެއަރގައި އެމްއެމްޕީއާރުސީގެ ބެލުމުގެ ދަށުން ރާއްޖޭގެ 68 ކުންފުންޏަކުން 126 އޮފިޝަލުން ބައިވެރިވެއެވެ. މީގެތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ޓުއަރ އޮޕަރޭޓަރުންނާއި ރިސޯޓް، ހޮޓާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައްވެސް ހިމެނެއެވެ.

މިފެއަރގައި ބަހައްޓާފައިވާ ރާއްޖޭގެ ސްޓޭންޑުގައި ބޭރުގެ މީޑިއާތަކަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތަކަށާއި ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީއާރު ޓެކްނޮލޮޖީ މެދުވެރިކޮށް ރާއްޖޭގެ މަންޒަރުތައް ދައްކާލުމުގެ އިތުރުން، ރާއްޖޭގެ އަމިއްލަ އުފެއްދުންތަކުގެ ރަހަބަލާލުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްފައެވެ.

1994ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އޭޓީއެމް ފެއަރ އަކީ މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ފެއަރއެވެ. މިއަހަރު މި ފެއަރގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މެދުގައި ފައިދާކުރަނިވި ޖޮއިންޓް ވެންޗަރތައް ކުރިޔަށް ގެންދިއުމަށް ފުރުޞަތު ހުޅުވާލުމެވެ.