ޚަބަރު

އޭސީސީގެ މަސައްކަތްތައް ނިންމުމުގައި ޤާނޫނީ ގޮތުން ގޮންޖެހުންތައް އެބަހުރި: ލުޠުފީ


އެންޓި ކޮރަޕްޝަން ކޮމިޝަނުން، ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވެއްޖެއެވެ.

އޭސީސީގެ ރައީސް މިހެން ވިދާޅުވީ ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ލުޠުފީ ވިދާޅުވީ، އޭސީސީއަށް ހުށަހެޅޭ މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށާއި ނަމަވެސް މައްސަލަތައް އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށްޓަކައި އެކޮމިޝަނުގެ މަސައްކަތުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އެގޮތުން އޭސީސީގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ކަމާ ގުޅުންހުރި ފަރާތްތަކާ ޙިއްސާކޮށް އެކަންކަން ޙައްލުކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ލުޠުފީ ވިދާޅުވިއެވެ.

"މިހާރުވެސް އަޅުގަނޑުމެންވާނީ އޭސީސީގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް އޭގެ އިތުރުން އޭސީސީގެ ޤާނޫނަށާ އަދިވެސް އެހެން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައްވެސް ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށްފަ. އަޅުގަނޑުމެން އުންމީދު މިކުރަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރު ނިމުމުގެކުރިންވެސް އަޅުގަނޑުމެންނަށް އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސް މަސައްކަތުގައި ކުރިމަތިވާ ޤާނޫނީ ގޮންޖެހުންތައް ހައްލުވެގެން ދާނެކަމަށް." އޭސީސީގެ ރައީސް ވިދާޅުވިއެވެ.

ޤައުމީ ގޮތުން ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވަނީ އޭސީސީގެ ތަފާސް ޙިސާބު ފޮތާއި، ބިތުފަންގި ބުލެޓިންއާއި، އިޖްތިމާޢީ އޮޑިޓް ރިޕޯޓާއި އެންޓި ކޮރަޕްޝަން ޤައުމީ މަޙާސިންތާގެ ފޮތް ނެރެފައެވެ. މީގެ އިތުރުން އެކޮމިޝަނުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތާއި ހާޒިރީން ވަނަވަނައަށް އައި ފަރާތްތަކުގެ އިތުރުން ޕާފޯމަންސް އެޕްރައިޒަލުން 90 އަށްވުރެ މަތިން މާކުސް ލިނުބު ފަރާތްތަކަށްވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.