ޚަބަރު

އައްޑޫސިޓީން ގެއްލުނު 2 ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށް


އައްޑޫސިޓީ ހިތަދޫ ކޯއްޓޭ ސަރަޙައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވާ ދެ ކުދިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހުރިހާ ވަޞީލަތްތައް ބޭނުންކޮށްގެން ހުއްޓުމެއްނެތި އަދިވެސް ކުރަމުންދާކަމަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ، އިއްޔެއާއި މިއަދުވެސް މޫދު ސާރފޭސްގެ ވަރަށް ބޮޑު ސަރަޙައްދެއް ވައިގެ މަގުންނާއި ކަނޑުމަގުންވެސް ހޯދުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރ އަދި ފާސްޓް އިންޓަރސެޕްޓް ކްރާފްޓް ބޭނުންކޮށްގެންނާއި ނައިޓް ވިޒަން ކެމެރާ ބޭނުންކޮށްގެން މިރޭވެސް އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، ޚާއްޞަ އޮޕަރޭޝަންގައި ވަރަށް ގިނަ ޢަދަދެއްގެ ސިފައިންނާއި ޑައިވަރުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް. އަޅުގަނޑުމެންގެ ވަރަށް ގިނަ އިވެންޓްތައްވެސް ކެންސަލްކޮށްގެން ވަރަށް ގިނަ ސިފައިން ހަރަކާތްތެރިވަމުން އަންނަނީ. އަދި ނައިޓް ވިޒަން ކެމެރާ ބޭނުންކޮށްގެން މިރޭވެސް ދަނީ އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން." ޢާޒިމް ވިދާޅުވިއެވެ.

އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާ މޫދުގެ އޮއި ބާރު ސަރަހައްދަށް އެރިއުޅެނިކޮށް ގެއްލުނު ތިން ކުދިން ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެކުދިން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުންއަންނަނީ ކުރަމުންނެވެ.
އަދި އެކުދިން ހޯދުމަށް ސިފައިންނާއި ރައްޔިތުން ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން އެއް ކުއްޖަކު އިއްޔެ ވަނީ ފެނިފައެވެ. ފެނުނު ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.