ޚަބަރު

އަފްޣާނިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 30 މީހުން މަރުވެއްޖެ


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ސަރުކާރުގެ އިމާރާތަކަށް އަމާޒުކޮށް މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްދީ ތިރީސް މީހުން މަރާލައިފިއެވެ.

އަފްޣާނިސްތާނުގެ ފުލުހުން ބުނާގޮތުން މި ހަމަލާއަކީ، އިންތިޚާބުތަކަށް މީހުން ރަޖިސްޓްރީ ކުރުމަށް ބޭނުންކުރާ އިމާރާތަކަށް އަމާޒުކޮށްގެން ދިން ހަމަލާއެކެވެ. ހަށިގަނޑުގައި ގޮވާތަކެތީގެ ބެލްޓެއް ހަރުކޮށްގެން ހުރި މީހަކު އޭނާ އަމިއްލައަށް މަރުވެގެން އެ ހަމަލާދިނީ އެ އިމާރާތަށް ވަންނަ ދޮރުގެ ކުރިމަތީގައި ހުރެގެންކަމަށް އަފްޣާން ފުލުހުން ބުނެއެވެ.

އެ ހާދިސާގައި 30 މީހުން މަރުވެފައިވާއިރު އިތުރު ފަންސާސް ހަތް މީހުން ޒަޚަމްވެފައިވެއެވެ. އެ ޙަމަލާގެ މަސްއޫލިއްޔަތު އުފުލާފައިވަނީ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ. ކާބުލްއަށް އައިއެސްގެ ޓެރަރިސްޓް ޙަމަލާތައް އަމާޒުވުމަކީ، އަފްޣާނިސްތާނުގައި އެ ޖަމާއަތުގެ ބާރު ގަދަވެގެންދާކަން ހާމަވާކަމެއްކަމަށް މުރާސިލުން ބުނެއެވެ.

އަފްޣާނިސްތާނުގައި އަންނަ އޮކްޓޯބަރުމަހު ބާއްވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އެ ޤައުމުގެ އިންތިޚާބުތަކާބެހޭ އިދާރާއިން މިޙާރުވެސްވަނީ ފަށާފައެވެ. މިކަމަށްޓަކައި އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ވޯޓަރ ރަޖިސްޓްރޭޝަން ސެންޓަރުތައް ގެންދަނީ ޤާއިމުކުރަމުންނެވެ.