ޚަބަރު

ޖީ-7ގެ ބައްދަލުވުމުގެ ސަމާލުކަން ރަޝިޔާއަށް


ކެނެޑާގެ ޓްރޮންޓޯގައި ހޯމަދުވަހު ފެށުމަށް ހަމަޖެހިފައިވާ ޖީ-7ގެ ގައުމުތަކުގެ ޚާރިޖީވަޒީރުންގެ ބައްދަލުވުމުގައި ރަޝިޔާގެ އަމަލުތަކާ ކުރިމަތިލުމަށް އިސްކަންދޭނެކަމަށް ޑިޕްލޮމޭޓުން ވިދާޅުވެއްޖެއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ބައެއް ޑިޕްލޮމޭޓުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޔުކްރޭނާއި ސޫރިޔާގައި ރަޝިޔާ ގެންގުޅޭ ސިޔާސަތުތަކާމެދު ޖީހަތެއްގެ ގައުމުތަށްވަނީ ކަންބޮޑުވެފައެވެ. އަދި އެމެރިކާގެ އިންތިޚާބުތަކަށް ނުފޫޒުފޯރުވުމަށް ރަޝިޔާއިން ކުރާ މަސައްކަތްތަކަކީވެސް އެ ޤައުމުތަށް ކަންބޮޑުވާ މައްސަލައެކެވެ.

އެހެންކަމުން ރަޝިޔާގެ ސިޔާސަތުތަކާ ކުރިމަތިލެވޭނެ ގޮތްތަކާބެހޭގޮތުން އެ ބައްދަލުވުމުގައި ޖީ-7ގެ ޚާރިޖީ ވަޒީރުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާނެކަމަށް ބައިވެރިން ވިދާޅުވެއެވެ. ޖީ7-ގެ ނަމުން ނަންދެވިފައިވާ ސިނާޢީ ޤައުމުތަކަކީ އެމެރިކާގެ ސިޔާސަތުތަކާ އެއްގޮތަށް ހަރަކާތްތެރިވާ ޤައުމުތަކެކެވެ. އެ ޖަމާޢަތުގައި އެމެރިކާގެ އިތުރުން ހިމެނެނީ ޖަޕާން، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، އިޓަލީވިލާތް އަދި ކެނެޑާއެވެ.

ރަޝިޔާ އާއި ޗައިނާ ވަނީ އެމެރިކާ ދުނިޔޭގެ ޤައުމުތަކަށް ބާރާއި ނުފޫޒު ފޯރުވުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުގައާއި އެނޫންވެސް ބައިނަލްއަޤުވާމީ މަންސަތަކުގައި ފާޅުގައި މަސައްކަތްކުރަން ފަށާފައެވެ. މިކަމުގެ ސަބަބުން އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.