ޚަބަރު

މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ރައީސް ޔާމީނާއި ބައްދަލުކުރައްވައިފި


މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ޑޮކްޓަރ ޙާތިމް ބިން ޙަސަން އަލްމަރްޒޫޤީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކޮށްލެއްވުމުގައި ދީނީގޮތުން ހައްދުފަހަނައަޅާދިއުމުގެ ސިޔާސަތުތައް ނައްތާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ތަޢުލީމީދާއިރާގެ ތެރެއިންވެސް ހައްދުފަހަނައަޅައި ދިއުމަށް ބާރުއަޅާ ސިޔާސަތުތަށް ނައްތާލުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރގެ ވާހަކަފުޅުގައި ހައްދުފަހަނައަޅާދިއުން ހިމެނޭ ޚިޔާލުތައް ނައްތާލުމަށް އެޔުނިވަރސިޓީން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައިވެސް އެފުރުޞަތު ހަނިކުރެއްވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ހަމައެކަނި ޝަރީޢާ ކިޔަވައިދިނުމުގެ ބަދަލުގައި އިންޖިނިއަރިންގ ފަދަ ފަންނީ ދާއިރާތަކުން ތަޢުލީމާއި ތަރުބިއްޔަތުވެސް މަންހަޖުގެ ތެރޭގައި ހިމެނުމާއިމެދު ވާހަކަފުޅުދެއްކެވިއެވެ.

މިއަދު ކުރިއަށްދިޔަ މިބައްދަލުކުރެއްވުމުގައި މިސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާމެދު ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުންދާ މިންވަރު ފާހަގަކުރައްވައި އެކަމަށްޓަކައި މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ޝަޢީދު އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޙުސައިން ފާއިޒް ބައިވެރިވެވަޑައިގެންނެވިއެވެ.