ޚަބަރު

މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި، އަޑިއަށް ހިނގައްޖެ


މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި، އަޑިއަށް ގޮސްގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި 5 މީހުން ތިބިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މީގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 2 ބިދޭސީން ކަމަށާ މި ހާދިސާގައި އެއްވެސް މީހަކަށް ކަމެއް ވެފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި 5 މީހުން މިހާރު ސަލާމަތްތެރިކަމާއެކު ސީއެމްބިއުލަންސަށް ނަގާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އަޑިއަށް ގޮސްފައިވަނީ "މާވާ ސްޓާރ" ނަމަކަށް ކިޔާ 100 ފޫޓުގެ މުދާ އުފުލާ ދޯންޏެކެވެ. މި ދޯނި އަޑިއަށް ގޮސްފައިވަނީ ވ.ފެލިދޫގެ ހުޅަނގުން 5 މޭލު ދުރުގައި އޮންނަ ގިރިއަކަށް އަރައި، ދޯނީގެ ބަނޑުފިލާ ފަޅައިގެންގޮސް، ދިޔަގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯނި ފުންކޮށް ފަޅައިގެން ގޮސްފައިވާ ތަން ބެއްދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމް މިހާރު ހަރަކާތްތެރިވަމުންނެވެ.

މި ދޯނީގައި މައިގަނޑު މުދަލެއްގެ ގޮތުގައި ހުރީ ލަކުޑި ފިލާ ކަމަށާއި މި ދޯނި އަޑިއަށް ގޮސްފައިވާތީ އެސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ގާތްގަނޑަކަށް 06:15 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލުމާތުދެއެވެ.