ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެތީ ސަމާލު ވުމަށް އިލްތިމާސްކޮށްފި


ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެކަމަށް ބެލެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން މިދާ ވިއްސާރައަކީ އައްޑު އަތޮޅުގެ އިރު ދެކުނުން ގާތްގަނޑަކަށް1000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ. އަދި މިކޮޅިގަނޑު މިހާރު ރާއްޖެއާ ދުރަށް އިރުދެކުނަށް ޖެހެމުންދާކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނޭ. އެހެން ނަމަވެސް މިކޮޅިގަނޑާ ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ބާނިތައް ބޮޑުވެ ރާއްޖޭގެ ބޮޑުބަޔަކަށް އުދައިގެ އަސަރުކުރަމުންދާކަމަށް މުސުމާބެހޭ އިދާރާއިން ބުނެއެވެ.

އިއްޔެއިން ފެށިގެން އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ އުދައިގެ އަސަރުކުރަމުންނެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އެކި ސަރަހައްދުތަކަށް އުދައަރާނެކަމަށް ބެލެވޭތީ އާއްމުކޮށް ހުރިހާ ފާރާތްތަކުންވެސް މިކަމަށް ސަމާލުވެތިބުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދާއި މާދަމާ ދިޔަވަރު ބޮޑު ވާނެ ވަގުތުތަކަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް މިއަދު ދިޔަވަރު ބޮޑުވާނީ އިރުއޮއްސި ހަގަޑި ސާޅީސް ދޭއްގައެވެ. އަދި މާދަމާ ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ ހެނދުނު 6:10 އާއި ރޭގަނޑު 8:38 ގައެވެ. މެދުތެރޭގެ އަތޮޅުތަކަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާނީ ހަވީރު 5:39 ގައެވެ. މާދަމާ މެދުތެރޭގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ ފަތިހު ހަތަރުގަޑި ފަންސާހާއި، އިރު އޮއްސި ހަތްގަޑި ދިހައެއްގައެވެ.
އުތުރުގެ އަތޮޅުތަކަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާނެކަމަށް ލަފާކުރެވެނީ ހަވީރު 4:58 ގައެވެ. އަދި މާދަމާ އުތުރުގެ އަތޮޅުތައް ހިމެނޭ ސަރަހައްދަށް ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވިފައިވަނީ މެންދަމު 3:42 އާއި، އިރުއޮއްސި 6:13 ގައެވެ.

އެހެންކަމުން މިވަގުތުތަކުގައި އުދައަރާފާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވެ، ދަތުރުފަތުރު ކުރުމާއި މޫދަށްއެރުން ފަދަ ކަންކަމަށް ސަމާލުވުމަކީ ވަރަށް މުހިއްމުކަމެކެވެ.
އައްޑުއަތޮޅުގެ އިރު ދެކުނުން އުފެދުނު ކޮޅިގަނޑާ ގުޅިގެން ކުރަމުންދާ ވިއްސާރާއިގައި ދެކުނުގެ އަތޮޅުތަކަށްވަނީ ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެންބޮޑުވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ ގަމަށް 111 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، ގދ. ކާޑެއްދޫއަށް 56 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ. އަދި ހަމައެދުވަހުގެ މެންދުރުފަހު ގަމަށް47 މޭލަށް ވައިގަދަވެ ކާޑެއްދޫއަށް 39 މޭލަށް ވައިގަދަވެފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މިކޮޅިގަނޑުގެ ސަބަބުން ދެކުނުގެ ސަރަހައްދުގެ ކަނޑުތަކުގެ ބާނި ބޮޑުވުމާއި ގުޅިގެން އައްޑޫސިޓީގެ އެކި ޞަރަޙައްދުތަކަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައިވެއެވެ. އަދި ފުވައްމުލައް ސިޓީއަށް ފަހުގެ ތާރީޚެއްގައި ނާރާވަރަށް އިއްޔެވަނީ އުދައަރައި ގެއްލުންތަކެއް ލިބިފައެވެ. މިވިއްސާރައިގައި ތ.ތިމަރަފުށްޓަށްވެސް އުދައަރައި އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

މޫސުންގޯސްވުމުގެ ސަބަބުން އެކި ރަށްރަށަށް ލިބެމުންދާ ގެއްލުންތަކުގެ ތަފްސީލް ހޯދުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ދަނީ ކުރަމުނެވެ. އެސެންޓަރުން ބުނީ އެކި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ. އަދި ގެއްލުން ލިބިގެން އެހީތެރިކަމަށް އެދުނު ފަރާތްތަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ބައެއް ރައްރަށުގައި ޤާއިމް ކޮށްފައިވާ އިމަރޖެންސީ ރެސްޕޯންސް ޓީމްތަކުން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ. އަދި ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ކަނޑުދަތުރުކުރުމުގައި މޫސުމާއި ބެހޭ ފުރިހަމަ މަޢުލޫމާތު ހޯދުމާއި، މުޢާސަލާތީ ވަސީލަތްތައް ހަމަކުރުމާއި، އަންނަ ގަދަވަޔަށް ސަމާލުވެ ފުރާޅުފަދަ ތަންތަން ރައްކާތެރިކުރުމާއި، އަލަށްއިމާރާތްކުރާ ތަންތަނުގައ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.