ޚަބަރު

ގެއްލުނު 2 ކުދިންގެ ތެރެއިން ކުއްޖެއްގެ ޓީޝާޓު ކަމަށް ބެލެވޭ ޓީޝާޓެއް އެ ސަރަހައްދުން ފެނިއްޖެ


އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށްއެރި އުޅެނިކޮށް ގެއްލުނު 2 ކުދިންގެ ތެރެއިން އެއްކުއްޖަކު ލައިގެންހުރި ޓީޝާޓްކަމަށް ބެލެވެ ޓީޝާޓެއް ރޭ ދަންވަރުގެ ވަގުތެއްގައި އެ ސަރަހައްދުން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން މޫދަށްއެރި އުޅެނިކޮށް ގެއްލުނު 3 ކުދިންގެ ތެރެއިން މިހާތަނަށް ކުރެވުނު މަސައްކަތުން އެތަނުން އެއް ކުއްޖަކު ވަނީ ފެނިފައެވެ. އެކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މިހާރު އެކުއްޖާގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން މަޢުލުމާތުދެއެވެ.

މި ހާދިސާގައި ސަލާމަތްވެފައިވަނީ ސ.ހިތަދޫ، އައްވާޒް، އަލީ ރާއިފް(17އ) ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެކުއްޖާ ސަލާމަތްކޮށްފައިވަނީ އާންމު ފަރާތަކުންކަމަށް މައުލޫމާތު ލިބެއެވެ.

މި ޙާދިސާގައި ގެއްލުނު ދެ ކުދިންނަކީ ހިތަދޫ، އޯޝަންވިލާ، އަލީ ފަހުމީ(17އ) އާއި ހިތަދޫ، ހުސްނުމާގެ، މަޔާމިން ޢަލީ (15އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި 2 ކުދިން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ އެމްއެންޑީއެފުން މިހާރުވެސް ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު ދެކުދިން ހޯދުމަށް މިއަދާހަމައަށް ތިން ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް. މިކުދިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހެލިކެޕްޓަރާއި ކޯސްޓްގާޑުގެ ލޯންޗާއި ޑައިވަރުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.