ޚަބަރު

ރިސޯޓްތަކަށް ކުރިމަތިވެދާނެ ޓެރަރިޒަމްގެ ޙަމަލާއަކަށް ތައްޔާރުވުމަށް ސިފައިން ޚާއްޞަ ލޯންޗެއް ބަންނަނީ


ރާއްޖޭގެ ރިސޯޓަކަށް ޓެރަރިޒަމްގެ ޙަމަލާއެއް ކުރިމަތިވެއްޖެ ޙާލަތެއްގައި ބޭނުންކުރާނެ ޚާއްޞަ ލޯންޗެއް ސިފައިން ބަންނަމުންދާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ސިފައިންގެ އަހަރީދުވަހާ ގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ދިމާވެދާނެ ޙަމަލާއަކަށް ވީ އެންމެ އަވަހަކަށް ސިފައިންގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އެކަމަށް ޚާއްޞަ ލޯންޗެއް ސިފައިން ބަންނަމުންދާކަމަށެވެ. އަދި މި ލޯންޗް ބަނުމުގެ ހުރިހާ މަސައްކަތެއް ކުރަމުންދަނީ ދިވެހި ސިފައިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ލޯންޗަކީ މިފަދަ ޓެރަރިސްޓް ޙަމަލާއަކަށް ވަގުތުން އެޓެންޑުކޮށް، އެކަމަށް އެކަށީގެންވާ ސިފައިންގެ ލަޝްކަރަކާއެކު އެރަށަކަށް ދެވޭގޮތަށް ޑިޒައިންކޮށްގެން ބަންނަމުންދާ ލޯންޗެއްކަމަށެވެ.

"
"މިމައްސައްކަތުގައި އަލިފުން ޔާޔަށް، އެންމެ ފުރަތަމަ ޕްލޭނިންގ ސްޓޭޖްގައިވެސް އޮނިގަނޑު، ކިއްސަރު ތައްޔާރުކުރުމާ، އެއަށްބޭނުންވާ ހުރިހާ ޑިޒައިން ތަކެއް ތައްޔާރުކުރުމާ، އެހުރިހާ ކަމަކީ އެއީ މިސިފައިންގެ އަސްކަރިއްޔާގައި ތިއްބެވި ޤާބިލް ބޭފުޅުންގެ ހުނަރުވެރިކަން. އަދި އުޅަނދު އުފެއްދުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސިފައިން. އަދި އެމަސައްކަތް ކުރަމުންދާނީ އަޅުގަނޑުމެންގެ (ސިފައިންގެ) މަރުކަޒެއްގެ ތެރޭގައި."
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު

މިކަންވެގެންދާނީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ލޯންޗް ބޭނުންކުރަން ފެށުން ވެގެންދާނީ، ދިވެހި ސިފައިންގެ މަސައްކަތް ބޭރު ދުނިޔެއިން ބަލައިގަންނާނެ ކަމަކަށްކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިމަސައްކަތް ކުރަމުންދަނީ، ސީދާ ޗީފް އޮފް ޑިފެންސް ފޯސްގެ ބެއްލެވުމުގެ ދަށުން ކަމަށާއި، މިކަމަށް ބޭނުންވާ 2.5 މިލިއަން ރުފިޔާ ޓޫރިޒަމް ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ހިލޭ ހަމަޖައްސައިދީފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓްތައް ޓެރެރިޒަމްގެ ޙަމަލާއަކުން ރައްކާތެރިކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.