ޚަބަރު

އައްޑޫގެ އެކި ހިސާބުތަކަށް އުދައިގެ އަސަރުކޮށްފި


އައްޑޫސިޓީގެ އެކި ޞަރަޙައްދުތަކަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފިއެވެ.
އައްޑޫސިޓީ ހަންކެޑެ ބްރިޖް އަދި ހިތަދޫ އާރްއޭއެފް ޞަރަޙައްދަށް ވަރަށް ބޮޑަށްވަނީ އުދައިގެ އަސަރުކޮށްފައެވެ. އުދަ އެރުމުގެ ސަބަބުން ހަންކެޑެ ބްރިޖް ކައިރި ލިންކް ރޯޑް ޞަރަޙައްދަށް ލޮނުގަނޑުވަނީއަރާފައެވެ. އަދި ލޮނުގަނޑާއިއެކު އެ ސަރަހައްދު ލިންކްރޯޑް މައްޗަށް ވެލިގަނޑު ވަރަށް ބޮޑަށް އަރާފަވާއިރު ލިންކްރޯޑްވަނީ އެއްކޮށް ހަޑިވެފައެވެ. މީގެ އިތުރަށް އައްޑޫ ލިންކްރޯޑްގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރުދަނީ ކުރަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީގެ އެކިރަށްރަށަށް ވާރޭވެހި ގެއްލުންވެފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް އިން ބުނެއެވެ. އެމްއެންޑީއެފުން ބުނީ މި ވިއްސާރައިގައި އައްޑޫ ސިޓީގެ ހަ ގެއަކަށް ފެންވަދެ ތަކެއްޗަށް ގެއްލުންވަމުންދާތީ، ވެލިބަސްދާ ޖެހުމުގެ މަސައްކަތް ސިފައިން ކޮށްފައި ވާކަމަށެވެ. ސިފައިން ކުރަމުން މިދާ މަސައްކަތުގައި އެމްއާރުޑީސީ އާއި ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެވަމުން ދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ ބުނީ، ވޭތުވެދިޔަ 24 ގަޑިއިރު އައްޑޫ ސީޓީއަށް 117.2 މިލިލީޓަރަށް ވާރޭވެހިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް އައްޑޫ ސިޓީއަށް ބޯކޮށް ވިއްސާރަ ވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި މުސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިންވަނީ ބުނެފައެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް މިހާރުވެސްވަނީ ޔެލޯ އެލާޓް ނެރެފައެވެ.