ޚަބަރު

23 މެޗަށްފަހު މާލޭގައި ނިއުރޭޑިއަންޓް ބަލިވެއްޖެ


23 މެޗަށްފަހު ނިއުރޭޑިއަންޓް ރާއްޖޭގެ ކުލަބެއް އަތުން ބަލިވެއްޖެއެވެ. މާލޭ ލީގުގައި ރޭ ވިކްޓްރީ ސްޕޯޓްސް ކުލަބުންވަނީ ވަރުގަދަ ނިއުރޭޑިއަންޓް ދޭއް އެކެއްގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މާލޭ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން ބަލިވި ފަހުން އެޓީމް ރާއްޖޭގެ ކުލަބެއް އަތުން ބަލިވި ފުރަތަމަ މެޗެވެ.

މެޗުގެ ކޮންޓްރޯލްކޮށްގެން ގިނަ ވަގުތު ނިއުރޭޑިއަންޓުން ކުޅުނު ނަމަވެސް ވިކްޓްރީންވަނީ ލިބުނު މަދު ފުރުސަތުތަކުގައި ގޯލް ޖަހައި ނިއު ސިއްސުވާލާފައެވެ. މެޗުގެ ފުރަތަމަ ދެ ގޯލްވެސް ޖެހީ ވިކްޓްރީންނެވެ. ފުރަތަމަ ގޯލް ޖަހައިދިނީ ބިދޭސީ ފޯވާޑް ސައިމަންއެވެ. ދެވަނަ ލަނޑު ޖަހައިދިނީ އަހުމަދު ނާޝިދެވެ. ނާޝިދުގެ ލަނޑަކީ ނިއުގެ ދެ ޑިފެންޑަރުންނާއި ގޯލްކީޕަރު އިމްރާންވެސް ކައިރިން ނައްޓާލުމަށްފަހު އޭނާ ޖެހި ގޯލެކެވެ.

މެޗުގައި ގޯލް ޖަހަން ގިނަ ފުރުސަތުތަކެއް އެޓީމަށް ލިބުނު ނަމަވެސް ގިނަ ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. މެޗުގައި ނިއުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިބްރާހިމް އަތީގެވެ. މި ލަނޑަށްފަހުވެސް އަތީގަށް ގޯލް ޖަހާނެ ދެ ފުރުސަތެއް ލިބުނެވެ. ފުރަތަމަ ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި. ދެވަނަ ހަމަލާގެ ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކީޕަރު މުޙައްމަދު އިމްރާން. މި މޮޅާއިއެކު ވިކްޓްރީވަނީ ލީގުގެ ދެވަނައަށް ޖެހިލާފައި. ތާވަލްގެ އެއްވަނައިގައި 13 ޕޮއިންޓާއިއެކު ނިއު އޮތްއިރު، މާދަމާ އީގަލްސް ކުޅޭ މެޗު ކާމިޔާބުކޮށްގެން އެޓީމަށް ލީގުގެ އެއްވަނައަށް ޖެހިލެވޭނެ.

މެޗަށްފަހު ވިކްޓްރީގެ ކޯޗު ލާސްލޯ ކިސް ބުނީ ކުޑަކުޑަ ވިކްޓްރީން ބޮޑު ބޮޑު ނިއުރޭޑިއަންޓް ބަލިކޮށްފިކަމަށާއި، މިއީ ބޮޑު މޮޅެއްކަމަށެވެ. ކުޅުންތެރިން ދެއްކި ހިތްވަރާއި، ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށްވެސް ކޯޗު ކިސް ފާހަގަކުރިއެވެ.

"މިއަދު ކުޑަ ކުޑަ ވިކްޓްރީން ބޮޑު ބޮޑު ނިއު ބަލިކޮށްފި، އަހަރެން ވަރަށް އުފާވެފައި މިހިރީ، ހުރިހާ ކުޅުންތެރިންނަށް މަރުޚަބާ" ކިސް ބުންޏެވެ.

ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޯން ބުނީ ނިއުއަށް ގިނަ ފުރުސަތުތަކެއް ލިބުނުކަމަށައި، ބަލިވީ ހެދުނު މަދު ގޯސްތަކެއްގެ ސަބަބުންކަމަށެވެ. މުޅި މެޗު ކޮންޓްރޯލްކޮށް ފުރުސަތުތައް ހޯދި ނަމަވެސް ބަލިވުމަކީ ލިބުނު މާޔޫސްކަމެއްކަމަށް ކޯޗު ބުނި. އޭނާ ބުނީ ވިކްޓްރީން ނިކުތީ މޮޅު ޕްލޭނަކާއިއެކުކަމަށާއި، އެޓީމުން ބޭނުންވި ކަންތައް މެޗުން ހާސިލްކުރިކަމަށެވެ.

"ވިކްޓްރީން އައި މޮޅު ޕްލޭނަކާއިއެކު، ކޮންމެ ގޮތެއް ހަދައިންވެސް އެމީހުން މޮޅުވީ، އެކަން އަހަރުން ގަބޫލުކުރަން" ކޯޗު އޮސްކާ ބުންޏެވެ.