ޚަބަރު

އަމާޒަކީ އެއް އުމުރުފުރާއަކުން ސިލްވާ މެޑަލް ހޯދުން - ސުޖާޢު


އުންމީދަކީ ސައުތް އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތުގެ ކޮންމެވެސް އެއް އުރު ފުރާއަކުން ރިހި މެޑަލެއް ހޯދުން ކަމަށް ޓީޓީ އެސޯސޮއޭޝަނުގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާ ބުނެފިއެވެ.

މިއަދު މާލޭގައި ފެށި ސައުތް އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތަށްފަހު ސުޖާ ބުނީ ރިހި މެޑަލް ހޯދޭ ފެންވަރުގެ ހަގު ކުޅުންތެރިން ރާއްޖޭގައި އެބަތިބި ކަމަށާއި ރާއްޖޭގައި މި މުބާރާތް ބޭއްވުމަކީ ކުޅުންތެރިންނަށް ލިބިގެންދާ ހިތްވަރެއް ކަމަށެވެ.

"މި މުބާރާތަކީ ހަގުއުމުރުގެ ކުދިންނަށް ވަރަށް ފަރިތަ މުބާރާތެއް، ވަރަށް ރަނގަޅު ކާމިޔާބީ ތަކެއް ހޯދަމުން އަންނަ މުބާރާތެއްމީ، ރާއްޖޭގަ މި މުބާރާތް ކުޅެވޭތީ އުންމީދުތައް އިތުރަށް ބޮޑުވެގެންވެސް އެބަދޭ. މީގަ މި އޮންނަނީ އެކި ކެޓަގަރީ ތަކަށް ވާތީ އަޅުގަނޑުމެންނަށް ވަރަށް އުންމީދުކުރެވޭ ހަމަ، ސިލްވާ (މެޑްލް) އަކަށް ދެވޭނެ ކެޓަގަރީތައް އެބަހުރި" ސުޖާއު ފާހަގަކުރިއެވެ.

ރާއްޖޭގެ 12 ކުޅުންތެރިން މިއަހަރުގެ މުބާރާތުގައި އަންނަނީ ވާދަކުރަމުންނެވެ. ރާއްޖެ ވާދަކުރާ ތިން ކެޓަގަރީ އަކީ 18 އަހަރުންދަށުގެ ޖޫނިއަރ ކެޓަގަރީއާއި ސާދަ އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީގެ އިތުރުން ބާރަ އަހަރުން ދަށުގެ ހޯޕްސް ކެޓަގަރީއެވެ.

ބަންލަދޭޝް، ނޭޕާލް، އިންޑިއާ، ސްރީލަންކާ، ޕާކިސްތާން އަދި ދިވެހި ރާއްޖޭގެ ވާދަކުރާ މި އަހަރުގެ މުބާރާތުގައި މިފަހަރު އަލަށް ބާރަ އަހަރުން ދަށުގައި ކުޅުންތެރިން ވާދަކުރާނެއެވެ. ސަރަހައްދީ އެންމެ ބޮޑު ޓޭބަލް ޓެނިސް މުބާރާތް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމުގެ މަގުސަދެއްގެ ގޮތުގައި ސުޖާ ފާހަގަކުރީ، ޓީޓީއަށް ރާއްޖޭގެ މީހުން އަހުލުވެރިކޮށް ޓީޓީ ދިރުވާ އާލާ ކުރުމުގެ އިތުރުން ދިވެހި ކުޅުންތެރިންގެ ފެންވަރު އާންމުންނަށް ދައްކާލުން ކަމަށެވެ.

"އަޅުގަނޑުމެންގެ މައިގަނޑު ދެ މަގުސަދެއް އެބަވޭ ރާއްޖޭގަ މި މުބާރާތް ބޭއްވުމުގަ. ފުރަތަމަ ކަމަކީ މި މުބާރާތް ރާއްޖޭގަ ބޭއްވުމުން ޓީޓީއަށް ލޯބިކުރާ ނުވަތަ ޓީޓީ ކުޅޭހިތްވާ އިތުރު ބަޔަކު މި މުބާރާތުގެ ތެރެއިން އުފެދިގެން ދިޔުން. ނޫނީ ކުރިންވެސް ކުޅެލާފަ ތިބި ބަޔަކަސް އަނެއްކާވެސް އިތުރު ދިރުމެއް ލިބިގެން ދިޔުން. ދެވަނަ ކަމަކަށް މިކުދިންގެ ފެންވަރާ ހުނަރާ ހުރިހާ ކަމެއް ދިވެހި ސަޕޯޓަރުންނަށްވެސް ފެނިގެން ދިޔުން." ސުޖާއު ބުންޏެވެ.

ސޯސަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިއަދު ފެށި މުބާރާތް ޝަރަފްވެރި ކޮށްދެއްވާ މުބާރާތް ފަށްޓަވާ ދެއްވީ އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު ޝިހާމެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ޓީޓީ އަކީ ރާއްޖޭގައި ހަލުވިކޮށް ކުރިއަރަމުން އަންނަ ކުޅިވަރެއްކަން ފާހަގަ ކުރައްވާފައެވެ. އަދި މިނިސްޓަރ ވިދާޅުވީ މި މުބާރާތުގެ ސަބަބުން މި ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި އެކުވެރިކަން އުފެދި ހަމަޖެހުން ގާއިމްވެގެންދާނެ ކަމަށް އުންމީދުކުރާކަމަށެވެ.

މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ބޫޓާން ފިޔަވައި ސާކް ގެ ހުރިހާ ގައުމަކުންވެސްވަނީ ބައިވެރިވެފައެވެ.