ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ، ރާއްޖެ ސުޕަ ލީގުގައި، ވ. ފެލިދޫ، ލ. ފޮނަދޫ އަދި ބ. ގޮއިދޫއިން މޮޅަކުން މުބާރާތް ފަށައިފިއެވެ.
މި މުބާރާތް ހޯމަ ދުވަހު ފެށިއިރު، މީގެ ކުރިން މުބާރާތް ތިން ފަހަރެއްގެ މަތިން ބާއްވަން ތާވަލުކުރިއެވެ. ނަމަވެސް ދިމާވި އެކިއެކު މައްސަލަތަކާހެދި މުބާރާތުގެ ތާރީޚު ބަދަލުކޮށް އެންމެ ފަހުން އިއްޔެ މި ވަނީ މުބާރާތް ފަށައިފައެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ފެލިދޫއިން ނުކުތީ ހދ. ހަނިމާދޫއާ ދެކޮޅަށެވެ. މި މެޗު ފެލިދޫއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ ސްކޮޑަކާއެކު މުބާރާތާ ކުރިމަތިލި ފެލިދޫ އަކީ މި މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. މި މެޗުގެ ފުރަތަމަ ސެޓު ފެލިދޫ އިން ކާމިޔާބުކުރީ 21-25 އިންނެވެ. އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގައި ހަނިމާދޫން ވަނީ ވާދަވެރި ކުޅުމަކަށްފަހު 27-25 އިން ސެޓު ކާމިޔާބުކޮށްފައެވެ. މެޗުގެ ތިންވަނަ ސެޓުގައި ވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. މި ސެޓު 25-22 އިން ކާމިޔާބުކުރީ ފެލިދޫއެވެ. ހަތަރުވަނަ ސެޓުގައި ހަނިމާދޫގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ފެލިދޫ އިން ވަނީ 25-17 އިން ކާމިޔާބުކޮށްފައެވެ.
ހޯމަ ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި ފޮނަދޫ އިން ކ. މާފުށީގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-20، 25-18 އަދި 25-18 އިންނެވެ.
ހޯމަ ދުވަހުގެރޭ ކުޅުނު ފަހު މެޗުގައި ތ. ހިރިލަންދޫގެ މައްޗަށް ގޮއިދޫ އިން ކުރިހޯދީ 3-2 ސެޓުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ، މި މެޗުގެ ފުރަތަމަ ސެޓު ގޮއިދޫ އިން ކާމިޔާބުކުރީ 22-25 އިންނެވެ. އެކަމަކު ދެވަނަ ސެޓުގައި ގޮއިދޫގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ފައިދާ ނަގާ ހިރިލަންދޫއިން ވަނީ މި ސެޓު 25-17 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ތިންވަނަ ސެޓުގައި ގޮއިދޫ އިން ކުޅުން ރަނގަޅުކޮށް 22-25 އިން މި ސެޓު ގެންދިޔައެވެ. ހަތަރުވަނަ ސެޓުގައި ގޮއިދޫގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ހިރިލަންދޫއިން ކާމިޔާބުކުރީ 25-14 އިންނެވެ. ފަހު ސެޓު ގޮއިދޫ އިން ކާމިޔާބުކުރީ 13-15 އިންނެވެ.