ޚަބަރު

އީޔޫގެ ބަޔާނަކީ ނުރައްކަލަކަށް ގޮވާލުން އެއްވެސް ދިވެއްސަކު އިޖާބަނުދޭތި - ސަލަފު


ރާއްޖޭގެ އިސްލާމީ އައިޑެންޓްޓީ ގެއްލޭނެ ފަދައިން ޤާނޫނު އަސާސީ ބަދަލުކުރުމަށް އިޔޫން ހުށައެޅި ހުށައެޅުން ޖަމުއިއްޔަތުއް ސަލަފުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އީޔޫއިން ގޮވާލާފައިވަނީ ރާއްޖެއަށް ނަފުރަތުކުރާ މަދުބަޔަކާއި ބޭރުގެ އެކިއެކި ފަރާތްތަކާއި ގުޅިގެން ދިވެހިންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށްކަމަށެވެ. އަދި މިއީ ދިވެހިންނަށް ހެޔޮއެދިގެން ކުރާ ކަމެއް ނޫންކަން ކޮންމެ ދިވެއްސަކުވެސް ދަންނަޖެހޭކަމަށްވެސް ސަލަފުގެ ބަޔާނުގައިވެއެވެ.

ފާޅުގައި ދިވެހިންގެ ދީނާއި މެދު ފާޑުކިޔައި އިންޒާރު ދިނުމަކީ ދިވެހިންނަށް ހެޔޮއެދޭނެ ބަޔަކު ކުރާނެ ކަމެއްނޫންކަމަށްވެސް ސަލަފުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އީޔޫގެ ބަޔާނަކީ ނުރައްކަލަކަށް ގޮވާލުންކަމަށާއި މިކަމަށް އެއްވެސް ދިވެއްސަކު އިޖާބަނުދިނުމަށްވެސް ސަލަފުން ވަނީ ގޮވާލާފައެވެ.

މިފަދަ ދަނޑިވަޅެއްގައި ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފަހަތަށް ޖެހިވަޑައިނުގަތް ކެތްތެރިކަމާއި ސާބިތުކަންމަތީ ހުންނެވުމަށާއި އިސްލާމްދީނާއި ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ފަރާތަކާއިއެކު ގުޅުން ނުބޭއްވުމަށްވެސް ސަލަފުގެ ބަޔާނުގައި ގޮވާލާފައިވެއެވެ. ދިވެހިން އެހެން ދީންތަކަށް ފުރަގަސްދީ އިސްލާމްދިން މަތީގައި ދިރިއުޅޭތާ 800 އަހަރު ވެފައިވާއިރު، މިގޮތުގައި އަބަދުވެސް މި ޤައުމު ކުރިއަށްގެންދާނެކަމަންވެސް ސަލަފުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.