އިސްލާމް ދީނުގެ ދީފާޢުގައި ދިވެހި ރާއްޖެއިން ކުރާ މަސައްކަތްތަކާ ގުޅިގެން ދިވެހި އަސްކަރިއްޔާއަށް ކުރިމަތިވާ ގޮންޖެހުންތައް ގިނަ ކަމާއި، މާތްﷲ ގެ ދީން މަތިވެރިކޮށް ތައުޙީދުގެ ދިދަ ވިހުރުވުމައްޓަކައި ކުރަން ޖެހިފައިވާ ޖިހާދުގެ ބުރަކަން ފާހަގަކޮށް އިސްލާމްދީނުގެ ޙިމާޔަތުގައި ތެދުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
"އަސްކަރީންގެ ދައުރާއި މުހިއްމުކަން" މި މަޢުޟޫއަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގައި ވަނީ މިޒަމާނަކީ، އިސްލާމީ ޤައުމުތަކާއި މުސްލިމުންނަށް ބޮޑެތި އިމްތިޙާނުތަކަކާއި، ފިތުނަތަކާއި ކުރިމަތިވަމުންދާ ޒަމާނެއްކަން ފާހަގަކޮށްފައެވެ. މިކަމުގެ މައިގަނޑު ސަބަބަކީ މާތްﷲ ގެ ދީން ދިފާޢުކުރަން ޤައުމުތަކުން މަސައްކަތްކުރާތީ ކުރިމަތިވާ ކަންކަން ކަމަށާއި، އިސްލާމް ދީނުގެ ދުޝްމަނުންނާއި އެމީހުންގެ އަޢުވާނުން މުސްލިމު ޤައުމުތަކުގެ ކެރިފޯރުންތެރިކަމަށް އަރައިގަންނަމުން ދާއިރު މިކަމުގައި ލޮބުވެތި ދިވެހި ފަސްގަނޑުވެސް އިސްތިސްނާ ނުވާކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.
އަދި މިކަމުގެ ސަބަބުބް އަސްކަރިއްޔާއަށްވެސް ދިމާވާ ގޮންޖެހުންތައް ގިނަކާމާއެކު ދީން ހިމާޔަތްކުރުމަށް ހުރިހާ ވަސީލަތްތަކެއްގެ އެހީގައި ކުރަންޖެހޭ ޖިހާދުގެ ބޮޑުކަން ޚުތުބާގައި ފާހަގަކުރިއެވެ.
މާތްﷲ ގެ ދީން ފޮހެލުމައްޓަކައި މަސައްކަތްކުރާ މީހުންނާއި، މުސްލިމުންގެ ބިންތައް ނާމާންކޮށް ޚަރާބުކުރާ މީހުންނާއި، މުސްލިމުންގެ ކުރިއެރުމަށް ހުރަސްއަޅައި، މުސްލިމުން ނިކަމެތިކުރުމަށް މަސައްކަތްކުރާ ބާރުތަކާއި ދެކޮޅަށް ތެދުވެ ތިބޭ މީހުންނަކީ ސިފައިންނާއި އަސްކަރީ ޚިދުމަތުގައި ތިބޭ މީހުން ކަމަށާއި، އެމީހުންނަށް ހުރި ދަރަޖައާއި ސަވާބު ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްކަމްގެ ސުންނަތުން ދަލީލުދައްކަވައި ޚުތުބާގައިވަނީ ބަޔާންކޮށްފައެވެ.
ތާރީޚުގައި މުސްލިމުން ކޮށްފައިވާ ގިނަ ހަނގުރާމަތަކަކީ، އެމީހުން އިސްވެ ކޮށްފައިވާ ހަނގުރާމަތަކެއް ނޫންކަމަށާއި، އެއީ ދިފާޢީ ހަނގުރާމަތަކުގެ ގޮތުގައި މުސްލިމުންގެ ބިމާއި ދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މަޖުބޫރުވެގެން ކުރި ހަނގުރާމަތަކެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
އަދި މާތްﷲ ގެ މަގުގައި ޖިހާދުކުރުމުގެ އަމާޒަކީ ސުލްހަ ޤާއިމްކުރުންކަމަށާއި، މާތްﷲ އެކަމަށް އަމުރުކުރެއްވުމަށްފަހު ޖިހާދުކުރުމަށް ތައްޔާރުވުމަށް އެންގިވެކަންވެސް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.