ޚަބަރު

ލޯންޗު އެކްސިޑެންޓުގައި ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ


ރޭ އިރާކޮޅު އިތާފުށި ރިސޯޓުގެ ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެމީހާ ފެނުނީ ލޯންޗް އެޗްސިޑެންޓް ހިނގި ސަރަހައްދުގެ ކަނޑުގެ 45 މީޓަރު އަޑީގައި އޮއްވައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އެމީހާ ފެނުނު ސަރަޙައްދުން އެކްސިޑެންޓްވި ލޯންޗުގެ ހުންގާނުވެސް ފެނިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ އެކްސިޑެންޓުވި ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ކެޕްޓަން، ދ.ކުޑަހުވަދޫ އަހުމަދު މުޙައްމަދުކަމަށް މަޢުލޫމާތުލިބއެވެ.
ރެއިން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުގެ ކޯސްޓް ގާޑު ޑައިވަރުން ދިޔައީ ކުރަމުންނެވެ. މި ހާދިސާގައި ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވީ ލޯންޗެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ރޭ ހިނގި މި ޙާދިސާގައި ހާނީއްކަވެގެން 8 މީހަކު މާލެގެނެސް އެޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 7 ބިދޭސީންނާއި ދިވެއްސެކެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލު ވިދާޅުވެފައިވަނީ ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ފަސްމީހަކު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާ، 2 މީހަކަށް އަދިވެސް ފަރުވާ ދެމުންދާކަމަށެވެ. އެހެންނަމަވެސް އެ ދެމީހުންގެ ޙާލުވެސް މިހާރު ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.
އެކްސިޑެންޓްވެފައިވަނީ "އިތާފުށި 3" ނަމަކަށް ކިޔާ ލޯންޗަކާއި "އިތާފުށި 5" ނަމަކަށް ކިޔާ ލޯންޗެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.