ޚަބަރު

އިސްލާމްދީނާއި، ޤައުމުގެ މިނިވަންކަން ނެތްނަމަ ތަރައްޤީގެ ބޭނުމެއްނެތް - ޑރ.މުޢިއްޒު


ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވުން ލާޒިމް ނުކުރަން ޔޫރަޕިއަން ޔޫނިއަނުން ގޮވާލާފައިވުމަކީ ކޮންމެ ދިވެއްސަކުވެސް ހިތާމަކޮށް ކަންބޮޑުވާކަމެއް ކަމަށް މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ ބޭރުގެ ޖަމާޢަތްތައް މެދުވެރިކޮށް ރާއްޖޭގައި ދީނީ މިނިވަންކަން ހޯދައި ދިނުމަށާއި އިސްލާމް ދީނުގައި ހުރި ބައެއް ކަންކަން ތަންފީޒުވިޔަ ނުދިނުމަށް އެފަރާތްތަކުން މަސައްކަތްތަކެއް ކުރަމުންދާކަން ހާމަވާކަމަށެވެ. ރާއްޖެ ތަރައްޤީކުރައްވައި އެތައް ރަށެއްގައި ބަނދަރުތަކާއި މަގުތައް ހެދުންފަދަ އެތައް މަޝްރޫޢެއް ހިންގަމުންދާއިރު މިއިންކަމަކަށް އެއްބާރުލުމެއްނުދީ ތަރައްޤީ ހުއްޓުވައި މި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތައް ދިވެހިން ބަލައި ނުގަންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިޤައުމުގައި ތަރައްޤީގެ ކަންކަމާއި ރައްޔިތުންނާއި ގުޅުންހުރި އެހެންވެސް ކަންކަން ކުރަމުންދާއިރު، އިސްލާމްދީނާއި ޤައުމުގެ މިނިވަންކަން ބީވެގެންދިއުމަށް ކުޑަވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި އޮތް މިނިވަންކަމާއި އިސްލާމް ދީން ދިފާއުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ދިވެހިސަރުކާރުން ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.