ޚަބަރު

ބާތިލު ދީންތައް މިޤައުމަށް ގެންނަން މަސައްކަތް ކުރާ ކޮންމެ މީހަކާއި ދެކޮޅަށް ނުކުންނާނަން - ޕީޕީއެމް


ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށް ހަދަން އިޔޫ ހުށައެޅި ނަމަވެސް އެކަން ވިޔަ ނުދޭނޭކަމަށް ޕީޕީއެމުން ބުނެފިއެވެ.
މުސްލިމު ނޫން މީހުންނަށްވެސް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ގާނޫނޫ އަސާސީއަށް ބަދަލު ގެނައުމަށް އީޔޫ އިން ހުށައެޅި ހުށައެޅުމާއި ގުޅިގެން ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބާތިލު ދީންތައް މިޤައުމަށް ގެންނަން މަސައްކަތް ކުރާ ކޮންމެ މީހަކާއި ދެކޮޅަށް އެޕާޓީން ނުކުންނާނެކަމަށެވެ. އަދި މިއީ ދިވެހި ތާރީޚުގައިވެސް ފާހަގަކުރެވޭ ވަރުގެ ހިތާމަވެރި ދުވަހެއްކަމަށެވެ.
އަބްދުއް ރާހީމު ވިދާޅުވީ އިޔޫއިން ނެރުނު ރިޕޯޓް ބިނާކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން ދިން މައުލޫމާތުގެ އަލީގައި ނެރުނު ރިޕޯޓެއްކަމަށާއި ރާއްޖެއިން އިސްލާމު ދީން ފޮހެލަން މަސައްކަތް ކުރާނީ ކޮންބައެއްކަން ދިވެހިންނަށް ރަގަޅަށް އެގޭނެކަމަށެވެ. އަދި މިކަމުގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށާއި ރާއްޖެއިން އިސްލާމުދީނު ފޮހެލަން މަސައްކަތްކުރި އަނދިރި އަނދިރުންނާއި އެއްވެސް ތަފާތެއް ނެތްކަމަށެވެ. އަދި އިދިކޮޅު ފަރާތްކުގެ ބޭނުމަކީ ވެރިކަމުގެ ބޭނުމުގައި ރާއްޖެއިން އިސްލާމު ދީން ފޮހެލުންކަމަށާއި އިސްލާހީ މަސައްކަތްކުރާކަމަށް ބުނެ ނަޝީދާއި އެކު ތިބޭނީ އިސްލާމު ދީނުގެ އަދުންކަމަށްވެސް އަބްދުއްރަހީމު ވިދާޅުވިއެވެ. ދިވެހި ރައްޔިތުން އެންމެން އެކައްޗެއް ކިޔާފައި އެފަދަ ފަރާތްތަކާއި ދެކޮޅަށް ނުކުތުމަށްވެސް އަބްދުއްރަހީމު ގޮވާލެއްވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވުން ލާޒިމު ނުކުރަން އީޔޫއިން ގޮވާލައިފައިމިވަނީ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން އެފަދަ ކަމެއްކުރަމުންދާކަމަށް ޕީޕީއެމުން ތަކުރާރުކޮށް ބުނަމުންދަނިކޮށްކަމަށެވެ. އަދި ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުން މިކަން ކުރަންއުޅޭތާ ދުވަސްތަކެއްވެފައިވާކަމަށްވެސް ނިހާނު ވިދާޅުވިއެވެ.

މިއީ ޔޫރަޕިއަން ޔޫނިއަނުން ކޮންމެހެން ބޭނުންވެގެން ނެރުނު ބަޔާނެއް ނޫންކަމަށާއި، މިއީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ބައެއް ފަރާތްތަކުން އީ.ޔޫއަށް ހުށައެޅި ކަންތައްތަކާއި ގުޅިގެން ރާއްޖެއާއި ދެކޮޅަށް ނެރެމުންދާ ބަޔާންތަކެއްކަމަށް ނިހާން ވިދާޅުވިއެވެ. އަދި އިސްލާމުދީން ހިމާޔަތްކުރުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ ލީޑަރުން ނިކުތުމަށްވެސް ނިހާން ގޮވާލެއްވިއެވެ.

ޕީ.ޕީ.އެމްގެ ތަރުޖަމާން ކެލާދާއިރާގެ މެންބަރު އަލީ އާރިފު ވިދާޅުވީ، ޑިމޮކްރަސީ އާއި މިނިވަންކަމުގެ ނަމުގައި ބޭރުގެ ފަރާތްތަކުން ހިންގާ ކަންކަމަށް ދިވެހިންގެ ތެރެއިން ބަޔަކު އެއްބާރުލުންދޭކަމަށާއި، މާތްވެގެންވާ އިސްލާމްދީނާ ދެކޮޅަށް އެކި ސިފަ ސިފައިގައި ކުރަމުން މަސައްކަތްތައް މިހާރު މިވަނީ ފާޅުގައިކުރަން ފަށާފައިކަމަށެވެ. އެހެންކަމުން ދީނީ އިލުމުވެރިން މިކަމާއި ދެކޮޅަށް ނުކުންނަން ޖެހިފައިވާކަން އަލީ އާރިފު ފާހަގަކުރެއްވިއެވެ.

ޕީ.ޕީ.އެމްގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު ވިދާޅުވީ، ހަމަނުޖެހުން ހިންގައިގެން ވެރިކަމާއި ތޮޅެން ކުރި މަސައްކަތް ނާކާމިޔާބުވުމުން އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ފަށާފައިމިވަނީ ބޭރުގެ ފަރާތްތަކާއި ގުޅިގެން ޤައުމުގައި ފިތުނަ އުފައްދަންކަމަށެވެ.
ނަޝީދު އިސްކޮށް ހުންނަވައިގެން އެކި ޤައުމުތަކަށް ދަތުރުކޮށް ޤައުމުތަކުގެ ރުހުން ހޯދުމަށް މަސައްކަތްކުރަމުންދާކަމަށާއި ނަޝީދަކީ އިޚްލާސްތެރި ބޭފުޅެއްނޫންކަން މިއަދު އެމް.ޑީ.ޕީގެ މެންބަރުނާއި، ސަޕޯޓަރުންނަށްވެސް ހާމަވެފައިވާކަމަށް ހަލީލު ވިދާޅުވިއެވެ.

މިހާރު ކުރިމަތިވަމުން މިދާ ކަންތައްތާކާއެކު އަންނަ ރިޔާސީ އިންތިޚާބުވެގެންދާނީ އިސްލާމްދީނާއި ބާތިލު ދީންތަކާއި ދެމެދު ކުރެވޭ ހަނގުރާމައަކަށްކަމަށާއި، ރައީސް ޔާމީނާއި ފީޕީއެމް އަބަދުވެސް ތިބޭނީ އިސްލާމު ދީނުގެ ދިފާޢުގައިކަމަށެވެ.