ޚަބަރު

ސޫރިޔާ އާރާސްތުކުރުމުގެ މަސައްކަތްތަކުގައި އިސްކަންދޭނީ ރަޝިޔާ އާއި އީރާނުގެ ކުންފުނިތަކަށް- ސަރުކާރު


ސޫރިޔާގެ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ސަރަޙައްދުތައް އަލުން ބިނާކޮށް އާރާސްތުކުރުމަށް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ރާވާފައިވާ ޕްރޮގްރާމުގައި އިސްކަންދީފައިވަނީ ރަޝިޔާ އާއި އީރާނުގެ ކުންފުނިތަކަށްކަމަށް ސޫރިޔާއިން ބުނެފިއެވެ. ސޫރިޔާގެ ހަނގުރާމަ ނިމުމަކާ ހަމައަށް ހިނަގައްޖެކަމަށާއި، ސޫރިޔާގެ ބިމުގެ އަށްޑިހަ ފަހެއް އިންސައްތަ މިހާރު ކޮންޓްރޯލް ކުރަނީ ސަރުކާރުންކަމަށް، ސޫރިޔާގެ ސަރުކާރުން ނެރޭ ނޫހެއްކަމަށްވާ "ތިޝްރީން" ގައި ވެއެވެ.

ހަނގުރާމަވެރިންގެ އަތްދަށުން މިނިވަންކޮށްފައިވާ ބައެއް ސަރަހައްދުތަކުގައި މިހާރުވެސް މަރާމާތުކުމާއި އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް "ތިޝްރީން" ނޫހުން ބުނެއެވެ. އަނެއްކޮޅުން ރަޝިޔާއިންވެސް ވަނީ ސޫރިޔާ އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތުގައި އިސްކަން ދޭނީ ރަޝިޔާގެ ކުންފުނިތަކަށްކަން ސޫރިޔާ ސަރުކާރުން ކަށަވަރުކޮށްދީފައިވާކަމަށް ބުނެފައެވެ.

ރަޝިޔާގެ މަސްއޫލުވެރިއެއްކަމަށްވާ އާންޑްރޭ ތޯޗާކް ވިދާޅުވީ، ސޫރިޔާ އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތްކުރަން ރަޝިޔާގެ ކުންފުނިތަށް ތިބީ ތައްޔާރަށްކަމަށާއި، ރަޝިޔާގެ ކުންފުނިތަކަށް އިސްކަންދޭނެކަމުގެ ފެހި އަލި ސޫރިޔާގެ މަސްއޫލުވެރިން ދެއްވާފައިވާކަމަށެވެ.

ހަނގުރާމައިގައި ސުންނާފަތިވެފައިވާ ސޫރިޔާ އަލުން ބިނާކުރުމަށް ފަސް ސަތޭކަ ބިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް ސޫރިޔާ ސަރުކާރުން އަންދާޒާކުރެއެވެ.