ޚަބަރު

އެމެރިކާގެ ފަރާތުން އުތުރު ކޮރެއާއަށް އިތުރު ފިއްތުންތަކެއް


މޭ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ދެމެދު ބާއްވަން ހަމަޖެހިފައިވާ ވާހަކަތަކަކީ ކާމިޔާބު ވާހަކަތަކަކަށް ނުވާނެކަމަށް ފެނިވަޑައިގެންފިނަމަ، އެ ވާހަކަތަކުގައި ބައިވެރިވެވަޑައިނުގަންނަވާނޭކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. އުތުރު ކޮރެއާއާއެކު ބާއްވާ ސަމިޓަކީ ކާމިޔާބު ވާހަކަތަކަކަށް ނުވާނެކަމަށް ފެނިވަޑައިގެންފިނަމަ، ސަމިޓްގައި ބައިވެރިވަޑައިނުގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އަދި ސަމިޓްގައި ބައިވެރިވަޑައިގަތުމަށްފަހު ސަމިޓުގައި ބިނާކުރަނިވި ވާހަކަތަކެއް ކުރިއަށް ނުގެންދާނަމަ، ސަމިޓު ދޫކޮށް ވަޑައިގަންނަވާނޭކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި އުތުރު ކޮރެއާއިން އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުމަކަށް ނުގެންނަހާ ހިނދަކު އެމެރިކާއިން އެ ޤައުމަށް އަޅަމުންދާ ފިޔަވަޅުތަކައިގެން ކުރިއަށްދާނެ ކަމަށާއި، އެމެރިކާއިން އުތުރު ކޮރެއާއަށް ފިއްތުންތައް ކުރިމަތިކުރަމުންދާނެ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭގެ އިސްވެރިޔާ މައިކް ޕޮމްޕެއޯ ދާދި ފަހުން އުތުރު ކޮރެއާއަށް ޒިޔާރަތެއް ކުރައްވާ އެ ގައުމުގެ ޒަޢީމް ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވިކަން އެމެރިކާއިން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.