ޚަބަރު

ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވުން ލާޒިމް ނުކުރަން ޔޫރަޕިއަން ޔޫނިއަނުން ގޮވާލައިފި


ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވުން ލާޒިމް ނުކުރަން ޔޫރަޕިއަން ޔޫނިއަނުން ގޮވާލައިފިއެވެ.

ޔޫރަޕިއަން ޔޫނިއަނުން މިގޮތަށް ގޮވާލީ، އިންތިޚާބަށް ވަމުންދާ ތައްޔާރީތައް ބެލުމަށް ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް ޖެނުއަރީމަހު ރާއްޖެއަށް ކުރި ދަތުރަށްފަހު މިއަދު ޢާއްމުކުރި ރިޕޯޓްގައެވެ. މި ރިޕޯޓުގައި ބުނެފައިވަނީ ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށްވެސް އިންތިޚާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ޤާނޫނުއަސާސީ އާއި ޤާނޫނުތައް އިސްލާޙް ކުރަންޖެހޭ ކަމަށެވެ. އަދި އިންތިޚާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން އިސްލާޙް ކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

އެގޮތުން ޔޫރަޕިއަން ޔޫނިއަނުން ވަނީ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާއާއި ޤާނޫނު އަސާސީގެ 73 ވަނަ މާއްދާ އިސްލާޙްކުރަން ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ. ޤާނޫނު އަސާސީގެ 9 ވަނަ މާއްދާ އަކީ ދިވެހިރައްޔިތުކަން ބަޔާންކުރާ މާއްދާއެވެ. 9 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެ ކަމަށެވެ. ޤާނޫނު އަސާސީގެ 73 ވަނަ މާއްދާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަށް ބަޔާންކުރާ މާއްދާއެވެ. މި މާއްދާގެ (ހ) 3 ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އިންތިޚާބު ކުރެވޭ މީހަކު މުސްލިކަމަކަށާއި ސުންނަތް ޖަމާޢަތުގެ މީހަކަށްވާންޖެހޭނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަނުން މިއަދު އައްމުކުރި ރިޕޯޓުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން އިންތީޚާބާއި ގުޅުންހުރި އެހެން ދާއިރާތައް ފާހަގަކޮށް އެދާއިރާތަކުން އިސްލާޙްކުރަން ފެންނަ ކަންކަންވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހާއި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި މީޑިޔާ ހިމެނެއެވެ.