ޚަބަރު

ރައްޔިތުންގެ ރައްކާތެރިކަމާ މުޖުތަމަޢުގެ ހަމަޖެހުން ޤާއިމްކުރުމުގައި އަބަދުވެސް ފުލުހުން ދެމިތިބޭނެ - ނަވާޒް


ދިވެހި ކޮންމެ ފުލުހަކަށްވެސް އެންމެ މުހިއްމުވާނީ ޤައުމުކަމަށާއި، ރައްޔިތުންގެ ރައްކާތެރިކަމާއި، މުޖުތަމަޢުގެ ހަމަޖެހުން ޤާއިމްކުރުމުގައި ފުލުހުން ސާބިތުކަންމަތީ އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްވައިފިއެވެ.

ފުލުހުންގެ އަހަރީދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޢަބްދުﷲ ނަވާޒް ވިދާޅުވީ ޤާނޫނު ލާޒިމްކުރާ އަމާންކަމާއި ރައްކާތެރިކަން ޤާއިމްކުރުމަށް ފުލުހުން ފަސްނުޖެހޭނެކަމަށެވެ. އަދި ދައުލަތަށް ލޮޅުމެއް އަރާނެފަދަ ކަމެއް ހިނގާނަމަ ފުލުހުންގެ ޤާނޫނީ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށް ޤައުމަށާއި ރައްޔިތުންނަށް އަމާންކަމާއި ހަމަޖެހުން ކަށަވަރުކޮށްދޭނެކަމަށް ނަވާޒް ވިދާޅުވިއެވެ.

"ފުލުހުންގެ މުއައްސަސާއަށް 85 އަހަރު ފުރޭ މިތާރީޚީ މުނާސަބަތުގައި އަޅުގަނޑުމެން އަރުވާ ޔަޤީންކަމަކީ، ތިޔައިން ކޮންމެ ރައްޔިތެއްގެ ރައްކާތެރިކަމަށްޓަކައި، އަދި ދިވެހި މުޖުތަމަޢުގެ ހަމަޖެހުމާއި، ޤައުމުގެ ސިޔާދަތު ދިފާއުކުރުމައްޓަކައި ރާއްޖޭގެ ޤާނޫނުއަސާސީއާ، ހެދިފައިވާ އުސޫލުތައް ނިޔާކުރާ ގޮތުގެ މަތިން އަޅުގަނޑުމެން އަބަދުވެސް ތެދުވެރިކަމާއި ކެތްތެރިކަމާއެކު މަސައްކަތްކުރަމުން ގެންދާނަން." ނަވާޒް ވިދާޅުވިއެވެ.

ފުލުހުންގެ ޔުނީފޯމްގައި ތިބީ ދިވެހި ލޮބުވެތި އާއިލާތަކަށް ނިސްބަތްވާ ދިވެހި ލޭ ހިނގާ ދިވެހި ދަރިންކަން ފާހަގަކުރައްވަމުން ޢަބްދުﷲ ނަވާޒް ވިދާޅުވީ ކުށް ކުރާ ފަރާތްތައް ހުއްޓުވާ ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް. އަދި ފުލުހެއްގެ ފަރާތުންވެސް ކުށެއްކުރެވިއްޖެނަމަ އެކަން ފުލުހުންގެ މުއައްސަސާއަށް އަންގައިދިނުމުން އެކަމެއް ހައްލުކޮށް ރަނގަޅުކުރާނެކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.

ފުލުހުންގެ އަހަރީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ބޭއްވި މި ޖަލްސާގައި ރައިސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް ޕޮލިސްސަރވިސްއަށް ރީތި ނަން ހޯދައިދީފައިވާ ފުލުހުންނަށާއި، ފުލުހުންގެ ޚިދުމަތުގައި ފަންސަވީސް އަރުވަންދެން މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވާފައެވެ. މިގޮތުން ރާއްޖޭގައި ހޯދާފައިވާ ކުރިއެރުންތަކާއި، ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުން ދިވެހި ޤައުމަށާއި ފުލުހުންގެ އިދާރާއަށް ރީތިނަން ހޯދައިދިން 4 ފުލުހަކަށާއި، ޚިދުމަތުގައި 25 އަހަރު ހޭދަކުރައްވާފައިވާ 6 ފުލުހަކަށް ހަނދާނީ ފިލާ ވަނީ ދެއްވާފައެވެ.

މިޖަލްސާގައި ފުލުހުންގެ މަސައްކަތްތަކަށް ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން އެހީތެރިވެދެއްވީ މުއްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކަށްވެސް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދީފައިވެއެވެ.