ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއަކަށް ބަދަލުވެގެން ދިޔަ ދުވަސްވަރު ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ފުލުހުންގެ ބާރު ކަނޑުވާލައި ފުލުހުންގެ އަގުވައްޓާލަން މިހާރުވެސް ދެމުންއަންނަ ހަމަލާތަކާއި ކުރެވޭ ފުރައްސާރަތަކުގެ މަތިން އަބަދުވެސް ހަނދާންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުލުހުންނަށް ގޮވާލައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތަށް 85 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ، 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަދުވަހު ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެގޮތުގައި އުފަންކުރުވީ ހަލަބޮލިކަމުގެ ދުވަސްތަކެއްގެ ތެރެއިންކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދުނީ ސަރުކާރުގެ މުއައްސަސާތަކުގެ އެންމެ އިސްކޮށްތިއްބެވި ބޭފުޅުންނާއި، އޭރު ސަލާމަތީ ބާރުތަކުގައި އެންމެ އިސްކޮށްތިއްބެވި ބޭފުޅުންގެ އަބުރަށް އަރައިގަތުމަށް ޑިމޮކްރަސީގެ ނަމުގައި ހިންގަމުންދިޔަ ކަންތައްތަކާއި ބަޔަކު މަސައްކަތްތަކެއް ކުރަމުންދަނިކޮށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސިޔާސީ މަޤުސަދުތަކެއް ހާސިލްކުރުމަށް ފުލުހުންގެ ބާރު ކަނޑުވާލާއި ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލަން އޭރުއްސުރެ މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެފަދަ ކަންކަމަކީ ޤާނޫނުގެ ބާރު ކަނޑުވާލައި ޤާނޫނަށް ހުރުމަތްތެރިކޮށް ހިތަން ނުޖެހޭކަން އަންގައިދިނުން ސިލްސިލާގޮތެއްގައި ބަޔަކު ކުރަމުން އަނަންނަ މަސައްކަތެއްގެގޮތުގައި ކުރިއަށްދާކަމަށެވެ. އަދި އެކަމަށް ސަމާލުވެތިބުމަށް ރައީސުލް ޖުމްހޫރިއްޔާ ހުރިހާ ފުލުންނަށްވެސް ވަނި އިލްތިމާސްކުރައްވާފައެވެ.
ފުލުހުންގެ ޒިންމާތާކާއި މަސްއޫލިއްޔަތުގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުލުހުންގެ ތެރެއިންވެސް ވަކި ފުލުހަކު ނުވަތަ އިސްކޮށް ހުންނަވާ އޮފިސަރަކު ކޮށްލާ އެއްމެ ކަމަކުންވެސް މުޅި މުއައްސަސާގެ އަގުވެއްޓިގެން ހިނގައިދާނެކަމަށެވެ.
ފުލުހުންގެ މައްސޫލިއްޔަތު އަދާކުރިޔަ ނުދިނުމަށްޓަކައި ކުރެވޭ މަސައްކަތުގެ ނަތީޖާއަކީ ހަމައެކަނި ރާއްޖޭގެ އަމަން ގެއްލުން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށްވެސް ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތަށްވެސް އެންމެ ބޮޑު ހުރަހެއް އެޅިފައިވަނީ ފައިސާގެ ބޭނުން ނާޖައިޒްގޮތުގައި ހިފަމުންދި އުމުގެ ސަބަބުންކަމަށެވެ.
ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރާ ފަރާތުގެ ޙައިސިއްޔަތުން ރާއްޖޭގައި އެއިރެއްގައި އޮންނަ ޤާނޫނީ ސަރުކާރެއް ޤާނޫނާ ޚިލާފު ނުވާހާހިނދަކު ޙިމާޔަތްކުރަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ޔާމީންވަނީ މިސަރުކާރުން ޤާނޫނާ ޚިލާފު އަމުރެއް ފުލުހުންގެ މަށްޗަށް ނުކުރާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.