ޚަބަރު

ފުލުހުންގެ އިސް މަޤާމްތަކެއް ފުރުއްވި ބޭފުޅުންތަކެއްގެ ނަން ޣައްދާރުންތަކެއްގެ ގޮތުގައި ލިޔަން ޖެހޭކަމީ ހިތާމަހުރި ކަމެއް - ހޯމް މިނިސްޓަރ


ފުލުހުންގެ މުއައްސަސާގެ އިސް މަޤާމްތަކެއް ފުރުއްވި ބޭފުޅުންތަކެއްގެ ނަން ޣައްދާރުންތަކެއްގެ ގޮތުގައި ލިޔަން ޖެހޭކަމީ ހިތާމަހުރި ކަމެއް ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 85 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ މަދު ޢަދަދެއްގެ ފުލުހުންތަކެއްގެ ވަފާތެރިކަން، ކެހިވެރި ގޮތުގައި ފެނިގެން ގޮސްފައިވާ ކަމަށާ، މިއީ ދިވެހި ފުލުހުންގެ މުއައްސަސާގެ ތާރީޚްގައި އަލުން ލިޔެވިގެންދާނެ ފަދަ ކަންތައްތަކެއް ނޫންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ވަރަށްގިނަ މަސައްކަތްތަކެއް މިއަދު ކުރަންޖެހިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ފުލުހުންގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާކަން ސާފުކޮށް އެނގެން އޮތްނަމަވެސް ޒިންމާދާރު މަޤާމުގައި ތިބި ބައެއް މީހުން އެކަން ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

"
"ސަރުކާރަށް ވަފާތެރިވުމަކީ ރައްޔިތުންގެ މަސްލަހަތު ދަމަހައްޓަން މަސައްކަތްކުރާ އެންމެ އިސްފަރާތަކީ ސަރުކާރުކަން ބަލައިގަނެ، ސަރުކާރާ ދެކޮޅަށް ޤާނޫނު އަސާސީން ބޭރުން، ޤައުމުގެ އަމަން އަމާންކަން ނަގާލައި، ޤައުމުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ކޮންމެ ފަރާތަކާ ދެކޮޅަށް ތެދުވެ، ތެދުވެރިކަމާ އިޚްލާސްތެރިކަމާ އަމާނާތްތެރިކަމާ ނަޒާހާތްތެރިކަމާއެކީ މަސައްކަތް ކުރުމުގައި ފަސްޖެހުމެއްނެތި، ކިލަނބުނުވާ ޢަޒުމެއްގާ ސާބިތުކަމާއެކު ދެމިހުރުން"
އަޒްލީން އަޙްމަދު - ހޯމް މިނިސްޓަރ

ހޯމް މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ވަރަށްގިނަ މަސައްކަތްތަކެއް މިއަދު ކުރަންޖެހިފައިވާކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު އޮތް އިތުބާރު އާލާވާފަދަ މަންޒަރުތަކެއް މިއަދު ފެންނަމުންދާތީ އެކަމާ އުފާކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.