ޚަބަރު

ވިއްސާރައިގެ ގެއްލުން: ތިމަރަފުށީގެ 12 ގެއެއްގައި ކައްކާކެވޭނެ ގޮތެއްނެތް - ޑިޒާސްޓަރ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ތ.ތިމަރަފުއްޓަށް ހުއްޓާ ނުލައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެރަށުގެ ބާރަ ގެއެއްގައި ކައްކައިކެވޭނެ ގޮތެއް ނެތިގެން ރިޕޯޓް ކޮށްފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރައްރަށަށް ލިބެމުންދާ ގެއްލުންތައް ޑިޒާސްޓާރ މެނޭޖްމަންޓް ސެންޓަރުން ބަލަމުން އަންނަ ކަމަށާ، ވިއްސާރައިގެ ސަބަބުން ގެއްލުންވާ ފަރާތްތަކުން އެ ސެންޓަރަށް ރިޕޯޓް ކުރުމަށްވެސް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން އެދެއެވެ. އަދި ވިއްސާރައިން ރައްކާތެރިވެ ތިބުމަށް ސަލާމަތީ ގޮތުން އެޅެން ހުރި ހުރިހައި ފިޔަވަޅެއް އެޅުމަށްވެސް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

ވިއްސާރައާ ގުޅިގެން ތިމަރަފުއްޓަށް ލިބިފައިވާ ގެއްލުންތަކާގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އިސްމާޢީލް އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ އިއްޔެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ ގިނަ ގޭބީސީތަކަށް ފެންވަދެ ގެއްލުންވެފައިވާ ކަމަށެވެ.

"އިއްޔެ ވެހުނު ވާރޭގައި ގެއްލުންވި ހިފާ ގެންގުޅޭ ތަކެތި، ކަރަންޓް ސާމާނު، ގޯތި ތެރޭގައި ހައްދާފައި ހުންނަ ގަސްތައް. މިރުސް، ކޮޕީފަތް، އަދިވެސް ބައެއް ގަސްގަސް." ތިމަރަފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދުގެ މެންދުރުފަހު 2:30 އިން ފެށިގެން މެދުކެނޑުމެއްނެތި މިހާރުވެސް ވާރޭވެހެމުން އަންނަ ކަމަށާ ބައެއް ގޭގެއަށް ފެނުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އަދި ރަށުތެރޭގައި ހެދޭ ފެން މޫދަށް ބޭރު ކުރުމަށް ރަށުގެ އެކި ހިސާބުތަކުން ކޯރު ކަނޑާފައިވާ ކަމަށްވެސް އިސްމާއިލް އިބްރާހީމް ވިދާޅުވިއެވެ. އެރަށުގައި ފެންބޮޑުވެ ގެއްލުން ވަމުންދާ ގެތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ކައުންސިލާއި ފުލުހުން ބައިވެރިވެގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލ.ގަން ތުނޑީއަވަށުގެ ބައެއް ސަރަޙައްދުތަކުގައިވެސް ފެން ބޮޑުވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.