ޚަބަރު

ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖެއަށް ވިއްސާރަކުރާނެ- މެޓް އޮފީސް


ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމުން ކުރާ ވިއްސާރައެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުނެއެވެ.

އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރައިގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭއިރު
މެޓް އޮފީހުން ވަނީ މިރޭގެ 8 އިން މާދަމާ ހެނދުނު 8 އަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

މިއަދު ރާއްޖޭގެ މޫސުން ހުރި ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި މެދުތެރެއާއި އުތުރުއަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 13 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.