ޚަބަރު

"ބާޒާރުގެ އެންމެ ހެޔޮއަގު" ޕްރޮގްރާމް މިއަހަރުވެސް ކުރިއަށްގެންދާނެ


އިކޮނޮމިކް މިނިސްޓްރީން ރަމަޟާންމަހު ކުރިއަށްގެންދާ "ބާޒާރުގެ އެންމެ ހެޔޮއަގު" ޕްރޮގްރާމް މިއަހަރުވެސް ކުރިއަށްގެންދަން ހަމަޖައްސާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މި ޕްރޮގްރާމަކީ ރަމަޟާންމަހު ކާބޯތަކެތީގެ އަގުތައް ހޯލްސޭލްކޮށް އަދި ރީޓެއިންކޮށް އެކި ފިހާރަތަކުން ވިއްކާ އަގުތައް ގެނެސްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެއްބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި އެކި ފިހާރަތަކުން ވިއްކަމުންދާއިރު، މި ޕްރޮގްރާމްގެ ޒަރިއްޔާއިން، އެންމެ އަގުހެޔޮކޮށް މުދާ ލިބެންހުންނަ ފިހާރަތަކާއިބެހޭ މަޢުލޫމާތު ފަސޭހަކަމާއިއެކު އާއްމުންނަށް ލިބޭނެއެވެ.

މި ޕްރޮގްރާމްގައި ޢާއްމުކޮށް ރޯދަމަހު ބޭނުންކުރާ ކޯބޯތަކެތީގެ ބާވަތްތަކުގެތެރޭގައި ހިމެނޭ، ފިޔާ، އަލުވި، ކުކުޅުބިސް، ކައްކާ ތެޔޮ، މިރުސް އަދި ޕާންފަދަ ތަކެތީގެ އަގުތައް ގެނެސްދެމުންދެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ވިއްކާ މުދަލުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ޢާއްމުކުރާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން އަގުތައް ޢާއްމުކުރާނީ ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފިހާރަތަކުން، މިނިސްޓްރީން ކަނޑައަޅާ މުދަލުގެ އަގުތަކުގެ ލިސްޓް، އަގުތަކަށް އަންނަ ބަދަލުތަކާއެކު މިނިސްޓްރީއަށް ފޮނުވުމުންނެވެ.

މި ޕްރޮގްރާމްގައި ފިހާރަތަކުން ހުށަހަޅާ އަގުތައް ޢައްމުކުރާނީ ސައްޙަ އަގުތަކެއްތޯ ބެލުމަށްފަހުކަމަށް އިކޮނޮމިކް މިނިސްޓްރީންބުނެއެވެ. މި ޕްރޮގްރާމްގެ ޒަރިއްޔާއިން އެންމެ އަގުހެޔޮކޮށް މުދާ ވިއްކާ ފިހާރަކުގެ މަޢުލޫމާތު އަގުތަކާއިއެކު ރަމަޟާންމަހުގެ ކޮންމެދުވަހަކު ޢާއްމުކުރާނެއެވެ.