ދުނިޔެ

ބާބަރާ ބުޝް އަވަހާރަވެއްޖެ


އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝްގެ އަނބިކަނބަލުން ބާބަރާ ބުޝް އަވަހަރާވެއްޖެއެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ މަންމަ ބާބަރާ އަވަހަރާވީ ޢުމުރުން 92 އަހަރުގައި، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުކަމަށް ރިޕޯޓްތައް ބުނެއެވެ.

ބާބަރާ ބުޝް އަވަހާރިވިކަން އިއުލާނުކުރައްވާ އޭނާގެ ދަރިކަލުން ޖޯޝް ޑަބްލިއު ބުޝް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބާބަރާ ބުޝްއަކީ އެމެރިކާގެ ފަސްޓް ލޭޑީކަން ފުރިހަމަކަމާއި ހިތްވަރާއެކު ކުރެއްވި ކަނބަލެއް ކަމަށާއި، އޭނާއަކީ އެތައް ބަޔަކަށް ލޯބީދެއްވައި، އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންނެވި ބޭފުޅެއްކަމަށެވެ. ފިރިކަލުން ޖޯޖް ބުޝްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބާބަރާ ބުޝްއަކީ އެމެރިކާގައި، ލިޔަންކިޔަން ދަތުމުގެ މުހިއްމުކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަނބަލެއްކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން ކުރީގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަނާއި ބަރަކް އޮބާމާ ވެސް ވަނީ ބާބަރާ އަވަހަރާވުމުން އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އެމެރިކާގެ ފަސްޓް ލޭޑީގެ މަޤާމުގައި ބާބަރާ ހުންނެވީ 1989 ވަނަ އަހަރުން 1993 ވަނަ އަހަރުގެ ހަމައަށެވެ. އަދި ދަރިކަލުން ޖޯޖް ޑަބްލިއު ބުޝް، އެމެރިކާގެ ރިޔާސަތަށް ފުރަތަމަ ހޮވިވަޑައިގެންފައިވަނީ 2000 ވަނަ އަހަރުގައެވެ.