ދުނިޔެ

ދޫމާގައި ދިން ކެމިކަލް ހަމަލާއަށް ޒިންމާވާ ފަރާތެއް ހޯދުމުގެ ބޭނުމެއް މިހާރަކު ނެތް- ރަޝިޔާ


އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ސޫރިޔާގެ އިރުމަތީ ޣޫޠާގެ ދޫމާގައި، ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ދިން ހަމަލާގެ ރައްދުގައި އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން ސޫރިޔާއަށް ވަރުގަދަ ހަމަލާތައް ދީފައިވާ މި ދަނޑިވަޅުގައި ދޫމާގައި ދިން ކެމިކަލް ހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ހޯދުމަށް އދގެ ތަޙުޤީޤީ ޓީމެއް އެކުލަވާލުމުގެ ބޭނުމެއް ނެތްކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާއިން މިހެން ބުނެފައިވަނީ ސޫރިޔާގެ މައްސަލައާ ބެހޭގޮތުން އދގެ ސަލާމަތީ މަޖިލީހުން ބޭއްވި ބައްދަލުވުމެއްގައެވެ. މިއީ ސޫރިޔާގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުން ވޭތުވެދިޔަ ނުވަ ދުވަހުގެ ތެރޭގައި ބޭއްވި 6 ވަނަ ބައްދަލުވުމެވެ. އަންގާރަ ދުވަހުގެ ބައްދަލުގައި ވާހަކަ ދައްކަވަމުން ރަޝިޔާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސިލީ ނެބެންޒިޔާ ވިދާޅުވީ، ސޫރިޔާގައި މިމަހުގެ ކުރީކޮޅު ދިން ކެމިކަލް ހަމަލާގެ ފަހަތުގައިވާ ފަރާތެއް ހޯދުމަށް ޚާއްޞަ ތަހްޤީޤީ ޓީމެއް ކަނޑައެޅުމަކީ މިހާރު ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން ވަނީ މި ހަމަލާގައި ކުށްވެރިވަނީ ކޮންފަރާތެއްކަން އަމިއްލައަށް ނިންމާ، އެ ފަރާތަށް އަދަބުވެސް ދީފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމެރިކާ އާއި ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތް ގުޅިގެން ސޫރިޔާގެ ތިން އަމާޒަކަށް ދިން ހަމަލާތަކުގައި 105 މިސައިލް ބޭނުންކޮށްފައިވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އަދި މި ހަމަލާތަކުގެ ބޭނުމަކީ ސޫރިޔާގެ ސަރުކާރު ވައްޓާލައި، އެ ޤައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ވަކި ފަރާތަކަށް އެރުން ނޫންކަމަށާއި، ބޭނުމަކީ ސޫރިޔާގެ ކެމިކަލް ޕްރޮގްރާމް ފަހަތަށް ޖައްސާލުން ކަމަށްވެސް އެމެރިކާއިން ބުންޏެވެ.