ދުނިޔެ

ވިލާތުގެ ޤައުމުތައް މިސްރާބުޖަހަނީ ޤައުމިއްޔަތުގެ ހަރުކަށި ފިކުރާ ދިމާއަށް- މެކްރޯން


ވިލާތުގެ ޤައުމުތައް، ޤައުމިއްޔަތުގެ ހަރުކަށި ފިކުރާ ދިމާއަށް މިސްރާބުޖަހާފައިވާކަމަށް ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ. ވިލާތުގެ ޤައުމުތަކަށް ފައިދާ އޮތީ، ލިބިރަލިޒަމާއި ޑިމޮކްރަސީގެ ނިޒާމުގައި ހިފަހައްޓައިގެންކަމަށް މެކްރޯން ވިދާޅުވީ، ފަރަންސޭސިވިލާތުގެ ސްޓްރަސްބަރގްގައި ބޭއްވި ޔޫރަޕިއަން ޕާލަމެންޓްގެ ޖަލްސާއެއްގައި ތަޤުރީރު ކުރައްވަމުންންވެ.

ޔޫރަޕްގެ ކޮންމެ ޤައުމަކުން، ޤައުމިއްޔަތުގެ ފިކުރު ހަރުކަށި ގޮތެއްގައި ތަންފީޒުކުރަން މަސައްކަތްކޮށްފިނަމަ، ޔޫރަޕްގައި އެއްބައިވަންތަކަން ގެއްލި، ދީނީ އަދި ޤައުމީ އަރާރުންތައް އުފެދިގެން ހިނގައިދާނެކަމަށް މެކްރޯން ވިދާޅުވިއެވެ.

ވިލާތުގެ ޤައުމުތަކުގައި މި ފަހަކަށް އައިސް ބާއްވާ އިންތިޚާބުތަކުގައި، ޤައުމިއްޔަތުގެ ހަރުކަށި ފިކުރު ގެންގުޅޭ ޕޮޕިއުލިސްޓް ޕާޓީތައް ގެންދަނީ ބޮޑެތި ކާމިޔާބީތަށް ހޯދަމުންނެވެ. އެ ފަދަ ހަރުކަށި ފަރާތްތަކުން ގެންދަނީ މުސްލިމުން އެ ބައްރުން ބޭރުވުމަށް ގޮވާލައި، ހިޖުރަކުރުމާމެދު ވިލާތުން އިހުއްސުރެ ގެންގުޅެމުން ދިޔަ، ހުޅުވިފައިވާ ސިޔާސަތު ބަދަލުކުރުމަށެވެ. މެކްރޯން ވަނީ އެ ފަދަ ހަރުކަށި ޕާޓީތަކަށް ވޯޓުނުދިނުމަށް ވިލާތުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.