ޚަބަރު

ދުނިޔޭގެ ފުރަތަމަ ކަނޑު އަޑީގެ ގެ ކޮންރަޑް މޯލްޑިވްސްގައި ހުޅުވަނީ


ދުނިޔޭގެ ފުރަތަމަ އަންޑަވޯޓަރ ރެސިޑެންސް ނުވަތަ ކަނޑުއަޑީގަ ހަދާގެ ރާއްޖޭގެ ރިސޯޓެއްކަމަށްވާ ކޮންރަޑް މޯލްޑިވްސްގައި ހުޅުވަން ތައްޔާރު ވެއްޖެއެވެ. ކޮންރަޑް މޯލްޑިވްސްއިން ބުނީ އަންޑަރ ވޯޓަރ ރެސިޑެންސް އަންނަ ފިނިމޫސުމާދިމާކޮށް ހުޅުވާނެ ކަމަށެވެ.

ކަނޑުއަޑީގެ މި ގެއަކީ 15 މިލިއަން ޑޮލަރުގެ އިންވެސްޓްކޮށްގެން "ދަ މުރަކަ" ނަމުގައި ތަރައްޤީކޮށްފައިވާ ތަނެކެވެ. މަތީ ފެންވަރުގެ މި ސޫޓުގެ މަސައްކަތް އެއްކޮށް ނިންމާ މިއަހަރުގެ ފަހުކޮޅު ގެސްޓުންނަށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންރަޑް ރިސޯޓު ހިންގާ ކްރައުން ކޮންޕެނީގެ ޑިރެކްޓަރ އަޙްމަދު ސަލީމް ވިދާޅުވީ މިއީ އެކުންފުނީގެ ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވީހާވެސް ތަފާތު ޚިދުމަތެއް ދިނުމުގެ މަޤްޞަދުގައި ހުޅުވާ ތަނެއްކަމަށެވެ.

ދަ މުރަކަ ރެސިޑެންސް ޑިޒައިންކޮށްފައި ވަނީ އެމްޖޭ މާރފީ ލިމިޓެޑުގެ މައިކް މާރފީއެވެ. މިކުންފުންޔަކީ ކަނޑުއަޑީގެ ތަންތަން ބިނާކުރުމުގައި ކުރިއަރާފައިވާ ކުންފުންޔެކެވެ. ދެ ފަންގިފިލައަށް ބަހާލާފައިވާ ދަ މުރަކައިގެ ކަނޑުއަޑީގެ ފަންގިފިލާގައި ކިންގް ސައިޒް ނިދާ ކޮޓަރިއަކާއި ލިވިންގ ރޫމަކާއި ފާޚާނާ ހިމެނެއެވެ. ކަނޑުއަޑީގެ ފަންގިފިލާ ހަދާފައިވަނީ 5 މީޓަރު އަޑީގައެވެ. މުރަކައިގެ ފެންމަތީގައި އިންނަ ފަންގިފިލާގައި ހިމެނެނީ ޓުއިން ސައިޒް ނިދާ ކޮޓަރިއަކާއި ފާޚާނާއާއި ފައުޑަރ ރޫމުގެ އިތުރުން ޖިމަކާއި ބަޓްލަރަށް ޚާއްޞަ ކޮޓަރިއާއި ޕްރައިވެޓް ސެކިއުރިޓީ ރޫމަކާއި ލިވިންގ ރޫމާއި ބަދިގެއާއި، ބާ އެކެވެ.

މުރަކައަކީ ކޮންރެޑް ރިސޯޓުގައި ކަނޑުއަޑީގައި ހަދާ ފައިވާ ދެ ވަނަ ތަނެވެ. ކުރިން އެރިސޯޓުގައި ވަނީ ކަނޑު އަޑީގެ ރެސްޓޯރެންޓެއް ހުޅުވާފައެވެ.

ރާއީ

ފުރަތަމަ ކަނޑު އަޑީގެ ކޯއްޗެއް؟؟ ޖާނަލިޒަމް އެޓް އިޓްސް ބެސްޓް