ޚަބަރު

އެއްހާހަށްވުރެގިނަ ކުދިންނަށް ރާއްޖޭގެ ފަރުތައް ދައްކާލައިފި


ސްކޫލު ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ފަރުކޮއެ" މަޝްރޫއުގެ ދަށުން އެއްހާހަށްވުރެގިނަ ކުދިންނަށް ފަރުތައް ދައްކާލައިފިއެވެ.

ފަރު ކޮއެ" މަޝްރޫޢަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަމާއި، އެތަންތަނުގެ މުހިންމުކަށް ދަރިވަރުންނަށް އަންގައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިނިސްޓްރީގެ ޢަމާޒަކީ ކޮންމެ ދަރިވަރަކަށްވެސް މަދުވެގެން އަހަރަކު އެއްފަހަރު ފަރުތައް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރާއްޖޭގެ ޑައިވިން ސްކޫލްތައް ގުޅިގެން ކުރިޔަށް ގެންދާ ފަރުކޮއެ ޕްރޮގްރާމްގައި ފަރުތަކާއި ކަނޑުތަކަށް ފައިބާ އެތަންތަނުގެ ރީތިކަން ބަލާލުމަށް ފީނުމުގެ ފުރުސަތު ސްކޫލް ދަރިވަރުންނަށް ލިބެއެވެ.
މި މަޝްރޫއުގެ ދަށުން މާލެއާއި ހަ ރަށެއް ހިމެނޭގޮތަށް 1120 ދަރިވަރުންނަށް މިހާތަނަށްވަނީ ފަރުތައް ދައްކާލާފައެވެ. މިގޮތުން ށ. ނޫމާރާ ސްކޫލްގެ 94 ދަރިވަރުންނާއި ބ.ފުޅަދޫ ސުކޫލްއިން 34 ދަރިވަރުންނާއި ދ.ރިނބިދޫން 60 ދަރިވަރުންނަށް ވަނީ ފަރުތައް ދައްކާލާފައެވެ. އަދި ގއ.ކޮނޑޭ ސްކޫލްގެ 55 ދަރިވަރުންނާއި ގއ.ދެއްވަދޫ ސްކޫލްގެ 72 ދަރިވަރުންނާއި ގދ.ރަތަފަންދޫ ސްކޫލްގެ 103 ދަރިވަރުންނަށް ވަނީ ފަރުތައް ދައްކާލާފައިއެވެ. މާލޭ ސިޓީން މުހިޔިއްދީން ސްކޫލްގެ 702 ދަރިވަރުންވަނީ ފަރުތައް ބަލާލާފައެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެގޮތުގައި އެންމެ ފުރަތަމަފަ ފަރު ބަލާލާފައިވަނީ މުޙްޔިއްދީން ސްކޫލްގެ ދަރިވަރުންނެވެ. އެކުދިން މި މަޝްރޫއު ނިންމާލާފައިވަނީ މިދިޔަމަހުގެ 12 ވަނަ ދުވަހުއެވެ
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި "ފަރު ކޮއެ"ގެ ޙަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. "ފަރުކޮއެ" ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.